މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފަިއވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމާ ދިމާކޮށް އެމްނިކުފާނަށް ސަޕޯޓް ކުރާ ފަރާތްތައް ޕީޕީއެމް އޮފީސް ކުރިމައްޗަށް މާދަމާ ހެނދުނު ދިއުމަށް ޕީޕީއެމް އިން ގޮވާލައިފިއެވެ.
ޕީޕީއެމް އިން ބުނީ، ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ސުޕްރީމް ކޮޓުގައި މާދަމާއަށް ތާވަލް ކޮށްފައި ވާތީ، އެމަނިކުފާނަށް ހިތްވަރު ދިނުމުގެ ގޮތުން ހަރަކާތެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އެ ހަރަކާތުގައި ބައިވެރިވުމަށް އެމަނިކުފާނަށް ސަޕޯޓް ކުރާ ހުރިހާ އެންމެން މާދަމާ ހެނދުނު 9:45 އަށް ޕީޕީއެމް އޮފީހަށް ދިއުމަށް އެދޭ ކަމަށް އެ ޕާޓީން ބުނެއެވެ.
މާދަމާ ހެނދުނު ސުޕްރީމް ކޯޓުގައި އޮންނަ އަޑު އެހުމަކީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ލީ މައްސަލައެވެ. މި މައްސަލައިގައި ދެ ފަރާތުގެ ހުށަހެޅުންތައް ވަނީ ނިމިފައެވެ. އެހެންކަމުން މާދަމާ ބާއްވާ އަޑުއެހުމުގައި އެމަނިކުފާނު ކަފާލާތުން ދޫކޮށްލުމާ މެދު ގޮތެއް ނިންމާނެ ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފައެވެ.
ޔާމީނުގެ މައްޗަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތު ވުމުންނެވެ. މި ކުށް ސާބިތުވެ ޔާމީނުގެ މަށްޗަށް ކްރިމިނަލް ކޯޓުން ވަނީ، ނޮވެމްބަރު 29، 2019 ވަނަ ދުވަހު 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ކުރި މި ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ.
ޔާމީނުގެ މައްޗަށް މި މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑިރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކޮށްފައެވެ. މި ދައުވާތަކަށް ރައީސް ޔާމީން ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.