ދައްޕަރު މައްސަލައިގައި މަޖިލިސް މެންބަރުން ސަރުކާރުގެ މަސްލަހަތު އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ، ރައްޔިތުންގެ މަޝްވަރާއަކާ ނުލާ ހއ. ފިއްލަދޫ އިހްތިސޯސުން އެ އަތޮޅު ދައްޕަރު ވަކިކުރި މައްސަލައިގައި ފިއްލަދޫ ރައްޔިތުން މަޖިލީހުގެ ރިޔާސަތުގެ އެއްބާރުލުމާ އެކު ހުށަހެޅި ޕެޓިޝަން އޮއްބާލަން މަޖިލީހުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން މަޖިލީސް ތަމްސީލް ކުރާ މެންބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް ރައްޔިތުންގެ ހިޔާލާއި އަޑު ސަރުކާރުގެ ވެރިންނާއި ހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާ އުފުލަން ޖެހޭ ބައެއް ކަމަށް ޓްރާންސްޕޭރަންސީން ބުނެއެވެ. އެހެންވީއިރު ސަރުކާރުގެ މަސްލަހަތު މެންބަރުން އިސްކުރުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ޓްރާންސްޕޭރަންސީން ބުނެއެވެ.
ރައްޔިތުންނާއި ސީދާ ގުޅިފައިވާ މުހިއްމު މައްސަލަތަކުގައި، ރައްޔިތުން ތަމްސީލު ކުރުމަށް ހޮވާފައިވާ މެންބަރުންގެ ޒިންމާއަކަށް ވާނީ ސަރުކާރު ޖަވާބުދާރީ ކޮށް، ރައްޔިތުންގެ އަޑު އުފުލުން ކަމުގައި ޓްރާންސްޕޭރަންސީން ބުނެއެވެ. އެހެންކަމުން، ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަން އޮއްބާލަން ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޓްރާންސްޕޭރަންސީން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ވެރިކަން ހިންގުމުގެ ބާރު ޒިންމާދާރު ކުރުވުމަށް ވެސް ޓްރާންސްޕޭރަންސީން ވަނީ ގޮވާލާފައެވެ.
ހއ. ފިއްލަދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ހިމެނުމަށް ގޮވާލާ، 467 މީހުންގެ ސޮއިއާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަަހަޅާފައި ވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ހަވާލުވެވަޑައިގަތީ މިވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އެވެ.
އެ ޕެޓިޝަންގައި ބުނެފައި ވަނީ ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާ އަދި އެ ރަށު އޮފީހަށް ވެސް އާމްދަނީ ލިބޭ ތަނެއް ކަމަށެވެ. އެކަމަކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާ ގާނޫނުގެ ދަށުން އެ ރަށް ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވުމަށް ފަހު، ރައްޔިތުންނާ އެއްވެސް މަޝްވާރާއެއް ކުރެއްވުމެއް ނެތި، ފަހުން ފިއްލަދޫގެ އިހުތިސާސުން އެ ރަށް ވަކިކޮށްފައި ވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެ ޕެޓިޝަންގައި ވަނީ ހިއްސާ ކޮށްފައެވެ.
އެގޮތުން ފިއްލަދޫ އިހުތިސާސުގެ ތެރޭގައި ދައްޕަރު އޮވެގެން އެތަން ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބިގެން ދިއުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް ބޭނުން ކަަމަށް ބުނެފައި ވެއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުން މުރާޖާ ކޮށްދެއްވާ ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ހިމަނާ ދިނުމަށް ޕެޓިޝަން ވަނީ އެދިފައެވެ.