ހަމައެެކަނި ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕް މިއަދު ފަށާފައިވާ ވާއިރު މުބާރަތް ފެއްޓި މެޗުގައި ސްރީލަންކާ ފަހަތަށް ޖައްސާލުމަށް ފަހު ބަންގްލަދޭޝް މޮޅުވެއްޖެއެވެ.

މިމެޗުން ބަންގްލަދޭޝް މޮޅުވީ 1-0 އިންނެވެ.

މެޗުގެ ފުރަތަ،މަ ހާފްގައި ދެ ޓީމުގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިފައި ނުވާ އިރު ފުރަތަމަ ހާފް ނިމުނީ 0-0 އިން މެޗު އެއްވަރުވެގެންނެވެ.

މިމެޗުގައި މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވޭ/ ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް މާ ރަނގަޅު ކުޅުމެއް ފެނިފައި ނުވާ އިރު ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުން މެޗު ބަލަން ދަނޑަށް ވަން ކަން ފާހަގަކޮށްލަން ޖެހެއެވެ. މިމެޗުގައި ބަންގްލަދޭޝްއިން ޖެހި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 56 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ ޑިފެންޑަރު ޓޮޕޫ ބަރްމާނެވެ.

މެޗު ބަލަން ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުން ދަނޑަށް ވަތް/ ފޮޓޯ: އެފްއޭއެމް

އެޓީމަށް ޕެނަލްޓީ ލިބުނީ ސްރީލަންކާގެ ޑަކްސަން ޕުސްލަސް ކުރި ފައުލަކާ ގުޅިގެންނެވެ. މެޗުގެ ކުރީކޮޅު ފައުލަކަށް ރީނދޫ ކާޑެއް ދައްކާފައި އޭނާއަށް އޮތް އިރު މި ފައުލާ ގުޅިގެން އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑެއް ދައްކާ ރަތް ކާޑެއް ދައްކާފައެވެ.

މިމެޗުން ލިބުނު މޮޅާއެކު ބަންގްލަދޭޝް ވަނީ މުބާރާތުގެ ތާވަލުގެ އެއްވަނަ ޖެހިލާފައެވެ. އެއީ ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދައިގެންނެވެ.

މިދެޓީމުގެ އިތުރުން ދިވެހިރާއްޖެ، ނޭޕާލް އަދި އިންޑިއާ ކުޅޭ މިމުބާރާތަކީ ލީގު ފޯމެޓަށް ކުޅޭ މުބާރާތެކެވެ. މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ހުރިހާ ޓީމެއް ހުރިހާ ޓީމެއް ކުޅުމުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

މިމުބާރާތުގައި ދެން ފެނިގެންދާނީ ދިވެހިރާއްޖެއާ ނޭޕާލް ވާދަކުރާ މެޗެވެ. މިމެޗު އޮންނާނީ މިރޭ 09:00 ޖަހާ އިރެވެ.