ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި އެފަދަ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާތައް އުފުލާފައިވާ ޏ. ފުވައްމުލައް، މާދަނޑު، ކަރިއްޔާވިލާ، މުހައްމަދު އަމީނަކީ ކުށްވެރިއެއް ކަމަށް ލިޔެފައި ވާނަމަ އެކަން އިސްލާހުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދިއްޖެއެވެ.

އެމްއެމްސީއިން މިފައިން އެދުނީ އަމީންގެ ފޭކް ފޮޓޯއެއް ދައުރުކޮށް އަބުރު ކަތިލަމުންދާތީ އެކަން ހުއްޓުވަން އޭނާ ސުޕްރީމް ކޯޓުގައި އެދުމުން އެ ކޯޓުން މީޑިއާތަކުގެ މައްޗަށް އެންގުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގައި އިއްޔެ ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ އިސްތިއުނާފީ ނުކުތާތައް އިއްވައި ނިމުމުން، އަމީނަށް ދިން ފުރުސަތުގައި ދިފާއީ ވަކީލް އަހްމަދު ޔާމީން ވިދާޅުވީ، އަމީންގެ އަބުރު ކަތިލަން މީސް މީޑިއާގައި ރާއްޖޭގެ މީޑިއާތަކުގައި ވެސް މަސައްކަތް ކުރެވެމުން ދާ ކަމަށެވެ.

އެގޮތުން ދިފާއީ ވަކީލް ވަނީ އަމީން ހުރި ފޮޓޯއެއް އެޑިޓް ކޮށްފައި ދައުރު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެއީ އަމީން ލައިގެން ހުރި ހެދުމުގައި އައިއެސް ލޯގޯ ޖަހާފައި ހަދާފައިވާ ފޭކް ފޮޓޯއެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ފޮޓޯގެ ކޮޕީއެއް ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.

މި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަށެވެ.

މި މައްސަލާގައި އަމީންގެ ހަބަރުތައް ގެންނަ ފަރާތްތަކާއި ހިޔާލު ފާޅުކުރާ ފަރާތްތަކުން ވެސް އަމީންގެ އެ ހައްގަށް އެއްވެސް އަސަރެއް ކުރާނޭ މޭރުމަކުން މައްސަލައިގެ ހަސްމު ތަސައްވަރުކޮށް ދިނުމުގެގޮތުން އެއްވެސް ހިޔާލެއް ފާޅުކުރުމަކީ ނުވަތަ ހަބަރެއް ގެނެސްދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެ ކަމަށްވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެމްއެމްސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި "އެމީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީއަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ހައްގު ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވީހިނދު، ހިނގަމުންދާ ޝަރީއަތްތަކާ ގުޅޭ ހަބަރާއި މައުލޫމާތު، ފޮޓޯ، ކުރެހުން އަދި ވީޑިއޯ ގެނެސްދިނުމުގައި ނޫސްވެރިންނާއި މީޑިއާތަކުން މާއްދާއަށް ރިއާޔަތްކުރުމަށާއި، ސްޕްރީމްކޯޓުގެ އަމުރާއި އެއްގޮތަށް އަމަލުކުރުމަށާއި، ކޯޓުތަކުގެ ހުރުމަތް ކެނޑޭފަދަ އެއްވެސްކަމެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން، އެމްއެމްސީއިން ވަނީ މިހާރު ޝާއިއުކޮށްފައިވާ އެއްވެސް ކޮންޓެންޓެއްގައި ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ހިލާފުވާ ނުވަތަ ސްޕްރީމް ކޯޓުގެ އަމުރާއި ހިލާފުވާގޮތަށް އެއްވެސް ކޮންޓެންޓެއް ހިމެނިފައިވޭތޯ ބަލައި ޗެކްކުރުމަށްފަހު، އިސްލާހުކުރުމަށްވެސް މީޑިއާތަކުގެ އެޑިޓަރުންނަށް ވެސް އިލްތިމާސް ކޮށްފައެވެ.