ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލާގައި އޭނާގެ ފަރާތުން މައްސަލާގައި ޖާމިނުވާ ފަރާތް، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ގެ މައްޗަށް އެއް އަހަރުގެ ޖަހު ހުކުމެއް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ދެވަނަ ފަހަރަށް އެދުމުން ވެސް ފިޔަވަޅު ނާޅަން ކްރިމިނަލް ނިންމައިފިއެވެ.

އަޑުބަރޭއަށް ހުކުމް ކުރުމަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުނު މީ ދެވަނަ ފަހަރެވެ. ޕީޖީން ކްރިމިނަލް ކޯޓަށް މި މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ހައިކޯޓުން ކުރި އަމުރުގައި އައްސަދުގެ މައްސަލައަށް ވަކި ގޮތެއް ނިންމާފައި ނުވާތީއެވެ. ނަމަވެސް މީގެ ކުރިން މިދިޔަ މެއި މަހު ޕީޖީން ކްރިމިނަލް ކޯޓުގައި އައްސަދަށް ހުކުމް ކުރުމަށް އެދި ހުށަހެޅި މައްސަލައަށް ވެސް އެ ކޯޓުން ފިޔަވަޅު ނޭޅުމަށް ނިންމާފައި ވަނީ މިިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެހެންކަމުން ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ގާޒީ ހަސަން ސައީދު ވަނީ ކޯޓުން ބޭރުކޮށްލާފައެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ބާއްވަމުން ދަނިކޮށް އަލީ ވަހީދު އެދިވަޑައިގަތުމުން އޭނާ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ވަޑައިގަތުމުން އޭނާގެ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމާއެކު މި މައްސަލަ ވަނީ އިތުރަށް ހޫނުވެފައެވެ. އެ އަމުރު ނެރުމާ އެކު އަލީ ވަހީދު ވަނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޓާކިޝް އެއާލައިނުން ލަންޑަނަށް ވަޑައިގެންފައެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.

އައްސަދަށް ހުކުމް ކުރުމަށް ޕީޖީން ހުށަހަޅާފައިވާ އިރު އޭނާއަކީ ސާފް ޗެމްޕިއަން ޝިޕަށް ހޮވާފައިވާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެއް ވެސް މެއެވެ.