އަދާ ޖެހުނު އިރުވެސް އަސްލު ދެނެގަނެވިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިފައިވާ ސީދާ ކޭސްތައް، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ދަށަށް ދާން ފަށާފައި ވީ ނަމަވެސް، މި ބަލިމަޑުކަމުން ގެނުވި އިގުތިސޯދީ ކާރިސާ ދަނީ، ދުވަހަކަށް ވުރެ ދުވަހެއް ނުތަނަވަސްމުން ކަމީ، ގަބޫލު ކުރަން ޖެހިފައި ވާ ހިތި ހަގީގަތެކެވެ.

އިގުތިސޯދީ އެކި ދާއިރާތަކާއި ސިނާއަތްތައް ފަދައިން، ދަތުރުފަތުރުގެ ސިނާއަތުން މިހާރު ވަނީ، އެ ސިނާއަތުގެ ހާލަތު ގޯސް ވަމުން އަންނަ ކަމުގެ އިންޒާރު ދީ، އެ މަސްރަހަށް ސަމާލުވުމަށް ދުނިޔޭގެ ލީޑަރުންނާއި އދއަށް ގޮވާލާފައެވެ.

ބައިނަލްއަގުވާމީ އެއްގަމު ދަތުރުފަތުރާ ބެހޭ ޖަމިއްޔާ (އައިއާރްޔޫ)، ވައިގެ އުދުހުންތަކާ ބެހޭ ޖަމިއްޔާ (އަޔާޓާ) ކަނޑު މަގުން މުދާ އުފުލުމާ ބެހޭ ޖަމިއްޔާ (އައިސީއެސް( އަދި ދަތުރުފަތުރުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ބައިނަލްއަގުވާމީ އިއްތިހާދު (އައީޓީއެފް) އިން ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި، ލާ މެހިފައިވާ ދަތުރުފަތުރުގެ ސިނާއަތުގެ ނަމުގައި، ހާއްސަ ހުށަހެޅުމެއް ހުށަހަޅާފައެވެ.

ނިންގްބޯ-ޖޯޝާން ޕޯޓަކީ، ދުނިޔޭގެ ނިސްބަތުން ބަލާއިރު 3 ވަނައަށް އެންމެ ކާރޫބާރު ބޮޑު ކާގޯ ބަނދަރު / ފޮޓޯ: ވީސީޖީ

މި ޖަމިއްޔާތަކުގެ އިސްވެރިން ގުޅިވަޑައިގެން ލިޔުއްވި ސިޓީގައި، އަހަރެއްގެ މައްޗަށް ދުނިޔޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތުގައި، 20 ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހިއްސާ ކުރަނީ ދަތުރުފަތުރުގެ ސިނާއަތުން ކަން ވަނީ ފާހަގަ ކުރައްވާފައެވެ. ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތުގައި، 65 މިލިއަނަށް ވުރެ ގިނަ މީހުން މަސައްކަތް ކުރާއިރު، މި ސިނާއަތުގައި އެއްގަމާއި ކަނޑު މަގުން މުދާ އުފުލާ 3.5 މިލިއަން ކުންފުނި ހިމެނޭ ކަމަށާ، މުދާ އުފުލާ ފްލީޓްގެ 85 ޕަސެންޓްވެސް ހިއްސާ ކުރާ ކަން، މި ސިޓީގައި ވަނީ ފާހަގަ ކުރައްވާފައެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް ބިންދާލި ކޮވިޑްގެ ރާޅާއެކު އެންމެ ފުރަތަމަ ލޮޅުން އެރި ސިނާއަތަކީ ދަތުރުފަތުރުގެ ސިނާއަތެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން ކުރަމުން ދިޔަ އާންމު ދަތުރުތައް ހުއްޓުމަކަށް އައިސް، ބުރޫއެރިއެވެ. މިކަމުގެ އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނު އެއް ބަޔަކީ ސީދާ ސިނާއަތް ކަންވެސް ފާހަގަ ކުރަންޖެހެއެވެ.

އިންތިހާ ދަތިތަކަމާއި ތަކުލީފު ކުރިމަތިވެފައި ވާ މިދަނޑިވަޅުގައި، ދަތުރުފަތުރު ކޮށް އުޅުމަށް އަޅާފައި ވާ ހުރިހާ ހުރަހެއް ނައްތާލާ، ކޮވިޑްއާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތައް އުވާލަން، ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްވެރިން ވަނީ އދއަށް ގޮވާލައްވާފައެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސައިނޯފާމް ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެ ގެނެސްފައި / ފޮޓޯ: މޯލްޑިވިއަން

ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްވެރިން ވަނީ، މި ފަދަ ވަގުތެއްގައި، ދުނިޔޭގެ ލީޑަރުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭކަންވެސް ފާހަގަ ކުރައްވާފައެވެ. ވަކިން ހާއްސަކޮށް، މި ހައްސާސީ ދަނޑިވަޅުގައި، ބޭސްފަރުވާގެ ސާމާނާ، ޕީޕީއީ ފަދަ އެހެނިހެންވެސް ސިއްހީ އާލާތްތައް، ވަގުތުން ވަގުތަށް، އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމުގެ ކަންކަން ކަށަވަރު ކުރުމުގައި، ދަތުރުފަތުރުގެ ސިނާއަތުން، އަމިއްލަ ފުރާނަ ނުރައްކަލަށް ލައިގެން މަސައްކަތް ކުރި ވަގުތުގައިވެސް، އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަން، ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްވެރިން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިން ކެމްޕޭންތައް ހިންގާއިރު، ދަތުރުފަތުރުގެ ސިނާއަތުގެ މަސައްކަތްތެރިންނަކީ، ހާއްސަ އިސްކަމެއް ދޭ ގިންތީގައި ހިމެނޭ ބައެއް ކަމުގައި ހެދުމަށްވެސް ގައުމުތަކުގެ ސަރުކާރުތަކަށް ވަނީ ގޮވާލައްވާފައެވެ.

ދަތުރު ކުރާ މަގުތައް ބަންދުކުރުމުން އިންގްލަންޑް ސަރަހައްދުގައި ލޮރީތައް ޕާކު ކޮށްފައި / ފޮޓޯ: އޭޕީ

ދުނިޔެ ދެކެފައި ނުވާ ފަދަ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހުނު މި ދަނޑިވަޅުގައި، ދައްކާ ވާހަކަ އަޑުއެހުމަށް، ސަރުކާރުތަކުގެ އިސްވެރިން ފެއިލް ވެފައި ވާ ކަމަށާ، ކާރިސާއަށް ލުޔެއް ހޯދުމުގައި އެކުގައި މަސައްކަތްކޮށް، ނިންމުންތަކެއް ނިންމަންވެސް ފެއިލް ވެފައި ވާ ކަމަށް، ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްވެރިން ވަނީ ތުހުމަތު ކުރައްވާފައެވެ.

ކުރިއަށް އޮތީ ވިޔަފާރި އޭގެ އެންމެ މެކުހަށް ޖަހާނެ މޫސުމެއް ކަން ފާހަގަ ކުރައްވަމުން، ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްވެރިން ވަނީ، މުދަލަށް އޮތް ޑިމާންޑް އުފުލެމުންދާ ދަނޑިވަޅުގައި ސަޕްލައި ޗޭނަށް ބުރޫ އެރުން އެކަށީގެން ވާ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. އަދި 2022ގެ ނިޔަލަށް މި ފަސްޖެހުން ކުރިއަށް ދިއުން އެކަށީގެން ވާ ކަމަށް އެ ފަރާތްތަކުން ލަފާ ކުރެއެވެ.