ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އަދި ތިމާވެށި ހިމާޔަތް ކުރުން ފުޅާކުރުމުގެ ގޮތުން، ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން ޓްރެކިން (އެލްއާރުއައިޓީ) ގެ ހިދުމަތްތައް ތައާރްފު ކޮށްފިއެވެ.

މި ނިޒާމު ރާއްޖެއަށް ތައާރަފް ކުރުމުގެ ގޮތުން ޓްރާންސްޕޯޓް ،މިނިސްޓްރީގެ އޮފީހުގަ ބޭއްވި ރަސްމިއްޔާތުގަ އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އިންޑިއާގެ ހައިކޮމިޝަނުން ބުނީ ރާއްޖެއަށް ތައާރަފު ކުރި އެލްއާރުއައިޓީ ނިޒާމުގެ ސަބަބުން، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ މެމްބަރު ގައުމެއްގެ ގޮތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އިތުރު ޑާޓާ ސެންޓަރެއްގެ ބޭނުމެއް ނެތި އަދާ ކުރެވޭނެ ކަމަށެވެ. އަދި އިންޑިއާގެ ޑާޓާ ސެންޓަރާއި އެ ސެންޓަރުގެ އެލްއާރުއައިޓީ ކޮންފޯމަންސް ޓެސްޓް ފެސިލިޓީ ހިލޭ ބޭނުން ކުރެވޭނެ ކަމަށްވެސް ބުންޏެވެ.

މި ރަސްމިއްޔާތުގަ ދެ ގައުމުންވެސް ވަނީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި އެހީތެރިކަން ފޯރުކޮސްދެވޭނެ ދާއިރާތައް ފާހަގަކޮށް، ދެގައުމުން ގުޅިގެން ހިންގާ ތަމްރީނު ޕްރޮގްރާމް ތަކާއި ތަޖުރިބާ އާއި މައުލޫމާތު ހިއްސާކުރަން އެއްބަސް ވެފައެވެ.

އެލްއާރުއައިޓީ ނިޒާމަކީ ބައިނަލްއަގުވާމީ އުޅަނދު ފަހަރާ ބެހޭ މައުލޫމާތުތައް ދެނެގަނެ، އުޅަނދުތަކުގެ ރައްކާތެރިކަމާއި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކޮށްދޭ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން އައިއެމްއޯގެ ގައުމުތަކުގެ އުޅަނދު ފަހަރާ ބެހޭ މައުލޫމާތު މެމްބަރު ގައުމުތަކަށް ފޯރުކޮށްދެއެވެ.