ފަހުގެ ހެކިތަކަށް ބަލާއިރު އެމެރިކާއާއި އެނޫންވެސް ބޮޑެތި ބާރުތަކުން، ތަރައްގީގެ ނަމުގައި ހަރަދު ކުރަން ފައިސާ ދޫކުރާ މިންވަރުގެ ދެގުނަ އިތުރަށް ފައިސާ ދޭ ގައުމަކަށް ވެފައި އޮތީ ޗައިނާއެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ތަރައްގީގެ ނަމުގައި ޗައިނާއިން ދޫކުރާ ގިނަ ފައިސާ ބޭރު ވަނީ، ޗައިނާގެ ދައުލަތުން ހިންގާ ބޭންކުތަކުގެ ތެރެއިން، ބޮޑެތި އިންޓްރަސްޓްއަކާވެސް އެކުގައެވެ.

ޗައިނާއިން ލޯނުގެ ގޮތުގައި ފައިސާ ދޫކުރާ ދޫކުރުމަކީ ސިހުން ގެނުވަނިވި ބޮޑު އަދަދެކެވެ. މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު، ޗައިނާއަކީ ބޭރުގެ އެހީ ލިބުނު ގައުމެކެވެ. ނަމަވެސް، މިއަދު މަސްރަހު މިވަނީ މުޅިން ބަދަލުވެފައެވެ.

އެމެރިކާގެ ވިލިއަމް އެންޑް މޭރީ ޔުނިވާސިޓީގެ އެއިޑްޑޭޓާ ރިސާޗް ލެބްގެ ހޯދުންތަކުން ދައްކާ ގޮތުގައި، ފާއިތުވީ 18 އަހަރު ދުވަހުގެ ތެރޭގައި، އުމްރަނީ ތަރައްގީގެ 13427 މަޝްރޫއެއް ހިންގުމަށް، 165 ގައުމަކަށް ޗައިނާއިން އެހީގެ ގޮތުގައި ނުވަތަ ލޯނުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 843 ބިލިއަން ޑޮލަރަށް އަރައެވެ.

2017 ވަނަ އަހަރުގެ ތެރޭގައި 99 އަހަރަށް ސްރީލަންކާއިން ޗައިނާއަށް ލީޒްކޮށްފައިވާ ހަމްބަންޓޯޓާ ޕޯޓް/ފޮޓޯ: ޑަބްލިއުޑަބްލިއުޓީ

މި ފައިސާގެ ބޮޑު ބައެއް ގުޅިފައި ވަނީ، އިތުރު ތައާރަފަކަށް ބޭނުން ނުވާ، ބޮޑުވަޒީރު ޝީ ޖީންޕިންގްގެ އުއްމީދީ މަޝްރޫއެއް ކަމަށް ވާ، ބެލްޓް އެންޑް ރޯޑް އިސްތިރާޖާއެވެ.

ކަން މިހެން އޮތް އިރު، ފާޑުކިއާ ފަރާތްތަކުން ބުނަމުން ދަނީ، ޗައިނާގެ އިންޓްރެސްޓް ބޮޑު ލޯނުތަކާއެކު، ހީވެސް ނުކޮށް އޮތް އާބާދުތަކެއް، އިންތިހާ ބޮޑަށް ދަރަނިވެރިވަމުން ދާ ކަމަށެވެ.

މިއީ ޗައިނާގެ އޮފިޝަލުންނަށްވެސް ނޭނގި އޮތް ކަމެއް ކަމަށް ބުނެވެއެވެ. އެއިޑްޑޭޓާގެ ދިރާސާ ޓީމުން ބުނާ ގޮތުގައި، ޗައިނާއިން ބޭރު ގައުމުތަކަށް ދޫކުރާ ފައިސާ ހަރަދު ކުރާ ގޮތް ބެލުމަށް، ހުދު ޗައިނާ ސަރުކާރުގެ ވުޒާރާތަކުން، އެ ލެބްގެ އެހީއަށް އެދެއެވެ. އެއިޑްޑޭޓާގެ ޓީމުން، ޗައިނާގެ ހަރަދުބަރަދުގެ ތަފާސް ހިސާބުތައް ވިލަރެސް ކުރަމުން އަންނަތާ މިހާރު 4 ވަރަކަށް އަހަރުވެއްޖެއެވެ.

ތަރައްގީގެ ނަމުގައި ގައުމުތައް ދަރަނިވެރި ކުރުވުމަކީ ހަމައެކަނި ޗައިނާއިން ކުރާ ކަމެއް ނޫނެވެ. މާޒީއަށް ބަލާއިރު ހުޅަނގުގެ ގައުމުތަކުން، އެފްރިކާގެ ގައުމުތައް ދަރަނިވެރި ކުރުވި މަންޒަރު ފެނިފައި އެބަހުއްޓެވެ. ތަފާތީ ބޭނުން ކުރާ އިސްތިރާޖާއި އުކުޅުތަކެވެ. އެއް ދައުލަތުން އަނެއް ދައުލަތަށް ފައިސާތަކެއް ދިނުމުގެ ބަދަލުގައި، ޗައިނާއިން މިކަން ކުރަނީ ދައުލަތުގެ ބޭންކުތައް މެދުވެރިކޮށް، ލޯނުގެ ގޮތުގައެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދިޔަ އިރު، ޗައިނާގެ މަސައްކަތްތެރިއެއް ބުރިޖުގެ މަސައްކަތުގައި ހަރަކާތްތެެރިވަނީ / ފައިލް ފޮޓޯ: ޙުސައިން މަޚްތޫމް | ދަޕްރެސް

ސަރުކާރުތަކުގެ ދަރަނި ލިސްޓުގައި އެ ފައިސާއެއް ނުހިމަނައެވެ. މި ލޯނުތަކަށް އެއްބަސްވުމަށް ހިނގާ ސިއްރު ބައްދަލުވުންތަކުގެ ތަފްސީލުތައްވެސް އޮންނަނީ ސިއްރު ކުރެވިފައެވެ.

ޗައިނާއިން ދޫކޮށްފައިވާ ލޯނުގެ ތެރެއިން، ހިސާބުކިތާބުން ފެންނަން ލޯނުގެ އަގު 385 ބިލިއަން ޑޮލަރަށް އަރާ ކަމަށް އެއިޑްޑޭޓާއިން ބުނެއެވެ.

ޗައިނާގެ ދަރަނި ދަންތުރާގައި ޖެހޭ ގައުމުތަކުން އަދާ ކުރަން ޖެހެނީ، އެ ގައުމުތަކުގެ ގުދުރަތީ ވަސީލަތްތައް ވިއްކައިގެންނެވެ. ވެނެޒުއޭލާއިން ފެނިގެން ދަނީ މިމަންޒަރެވެ. ވެނެޒުއޭލާއިން ތެޔޮ ވިއްކަމުން ދަނީ، ސީދާ ޗައިނާއިން ކޮންޓްރޯލް ކުރާ ބޭންކެއް މެދުވެރިކޮށެވެ. ދަރަނި ދައްކަން ލަސްވެއްޖެ ނަމަ، ވަގުތުން ވަގުތަށް އެ ފައިސާ ނެގުމުގެ ބާރު، ޗައިނާއަށް ލިބިދޭ ގޮތަށެވެ.

ވަކިން ހާއްސަ ކޮށްގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުގެ ދަށުން ހިންގާ ސްކީމްތަކުގެ ނުރައްކާ ބޮޑެވެ. މި ސްކީމްގެ ދަށުން ހިންގާ މަޝްރޫއުތަކުގައި އިންތިހާއަށް ކޮރަޕްޝަން އެކުލެވޭ ކަމަށާ، ލޭބަރުންގެ ހައްގުތަކަށް ރައްކާތެރި ނުވެވޭ ކަމަށާ، ތިމާވެށީގެ މައްސަލަތަކާވެސް ގުޅިފައި ވާ ކަމަށް އެއިޑް ޑޭޓާއިން ބުނެއެވެ.

ކަން މިހެން އޮތް ނަމަވެސް، މި ބާރު، ޗައިނާ އަތުގައި މާ ގިނަ ދުވަހަށް ދެމި އޮވެދާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދެން ފަށާފައެވެ. އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމު ނުވަތަ ޖީ-7ގެ އިއްތިހާދުން ދަނީ، ޗައިނާގެ ނުފޫޒަށް ގޮންޖަހަން ތައްޔާރު ވަމުންނެވެ. މާލީ ގޮތުންނާއި ތިމާވެށީގެ ރޮނގުން ބެލި ކަމުގައި ވީ ނަމަވެސް، ދެމެހެއްޓެނިވި އުސޫލަކުން ކަމުގައި ބުނެވެއެވެ.

ޗައިނާގެ ދަރަނި ދަންތުރާގައި ގައުމުތައް ޖައްސަމުން ދާ ކަމަށް ވާދަވެރި ބާރުތަކުން ބުނަމުން ދާއިރު، ކުރަން ޖެހޭ ސުވާލަކީ، ކޮންމެ އެއްޗެއް ގުރުބާން ކޮށްގެން ކަމުގައި ވީ ނަމަވެސް، ޗައިނާއަށް ހަމަ ހަގީގަތުގައިވެސް ފައިސާ ހަރަދު ކުރަން ކެރެނީތޯ ކުރެވޭ ސުވާލެވެ. ތިމާވެއްޓާ އެނޫންވެސް ރޮނގުތަކަށް ބަލައިގެން އެހެން ބަޔަކު ލޯނު ދޫކުރަން ވިސްނަމުން ދާއިރު، ޗައިނާއިން އެފަދަ ކަމަކަށް ފަރުވާލެއް ނުބަހައްޓާ ކަމީ، މި ރޭހުގެ މޮޅު ޗައިނާ ފަޅީގައި ހަރުލައްވާލަން އޮތް ފުރުސަތެއް ކަމުގައި ވެދާނެތޯ ކުރެވޭ ސުވާލަށް އިންސާފު ކޮށްލައްވާށެވެ.