ޖަޕާންގެ ވެރިކަން ކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑަރަކު ހޮވުމަށް ކުރިއަށް ގެންދިޔަ ރޭސް ކާމިޔާބު ކުރައްވާ، އެ ގައުމުގެ އާ ބޮޑުވަޒީރު ކަމުގެ މަގާމު ކަށަވަރު ކުރެއްވުމާ ގާތަށް، ޖަޕާނުގެ ކުރީގެ ފޮރިން މިނިސްޓަރު ފުމިއޯ ކިޝީޑާ ޖެހިވަޑައިގެންފިއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ކިޝީޑާ އައްޔަން ކުރެވޭނީ، މިހާރު އެ މަގާމު ފުރުއްވަމުން ގެންދަވާ ޔޮޝިހީޑޭ ސޫގާ، އެ މަގާމުން ފައިބާވަޑައިގަތުމުންނެވެ. ޖަޕާންގެ ބޮޑުވަޒީރުކަން ސޫގާ މި ދޫކޮށްލައްވަނީ، އަހަރެއްހާ ދުވަހުގެ ވެރިކަމަކަށް ފަހުގައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ހައިސިއްޔަތުން ކިޝީޑާގެ އެންމެ ފުރަތަމަ މިޝަންއަކަށް ވާނީ، ކުރިއަށް އޮތް އާންމު އިންތިހާބުގައި އެލްޑީޕީއަށް ކާމިޔާބު ހޯއްދަވާ ދެއްވުމެވެ.

އާންމުންގެ ދެކޮޅުވެރި ކަމާއެކުގައިވެސް ޖަޕާނުގައި އޮލިމްޕިކްސް ކުޅިވަރު މުބާރާތް ކުރިއަށް ގެންދިއުމާއެކު، ގިނަ ބައެއްގެ ފާޑުކިއުންތައް، އެލްޑީޕީއަށް ވަނީ އަމާޒު ވެފައެވެ.

އުމުރުފުޅުން 64 އަހަރުގެ ކިޝީޑާއަކީ ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް މީގެ ކުރިންވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އެންމެ ފަހު އޮތް ވޯޓުގައި ކިޝީޑާއަށް މަގާމު ގެއްލުނީ ސޫގާއާ ވާދަ ކުރައްވައިގެންނެވެ.

އެލްޑީޕީގެ ލީޑާޝިޕް، ކިޝީޑާ ކާމިޔާބު ކުރެއްވީ، އެންމެ މަގުބޫލު ކެނޑިޑޭޓްގެ ގޮތުގައި ސިފަކުރަމުން އައި ޓާރޯ ކޯނޯ ބަލި ކުރެއްވުމަށް ފަހުގައެވެ. ޖަޕާނުގައި މިހާރު ގާނޫނު ހަދާ މަޖިލިސް ރޭވިފައި އޮތް ގޮތުން، ބޮޑުވަޒީރު ކަމުގެ މަގާމު ވަނި ކިޝީޑާއަށް ކަށަވަރުވެފައެވެ.

ކިޝީޑާ ވެވަޑައިގަންނަވާނީ ޖަޕާނުގެ 100 ވަނަ ބޮޑުވަޒީރަށެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ނިއުޒީލަންޑްގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރެވުނު ޔޮޝިހީޑޭ ސޫގާ، އެ މަގާމުން އިސްތިއުފާ ދެއްވަން ގަސްތު ކުރައްވާ ކަމަށާ، ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ގަސްތު ނުކުރައްވާ ކަން އިއުލާން ކުރެއްވީ މިމަހު ކުރީކޮޅުގައެވެ. ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ސޫގާ އައްޔަން ކުރެވުނީ، އެ މަގާމުގައި ކުރިން ހުންނެވި ޝީންޒޯ އަބޭގެ އިސްތިއުފާއާ ގުޅިގެންނެވެ.

އަބޭ އިސްތިއުފާ ދެއްވީ ދައުރު ފުރިހަމަ ނުކޮށް ކަމަށް ވާއިރު، ސޫގާ ފުރިހަމަ ކުރައްވަން އޮތީ ދައުރުގެ ބާކީ އޮތް ބައި ކަމަށް މައުލޫމާތު ލިބެއެވެ. މިހާރު ހިނގަމުންދާ ދައުރު މި އަހަރު ހަމަވާއިރު، ވާއިރު، އޮކްޓޯބަރު 2021ގެ ކުރިން، ޖަޕާޏުގައި އެ ގައުމުގައި އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަންޖެހެއެވެ.