ތ. ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތުގައި އެ ރަށުން ހައްޔަރުކުރި މީހުންނަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތާވަލް ކޮށްފިއެވެ.

މާދަމާ ހެނދުނު 9 ޖަހާއިރު ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ އެ މައްސަލައިގާ ހައްޔަރުކުރި 8 މީހުންގެއެެވެ. އެއީ:

  • އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި / ފެހިވިދުވަރުގެ، (34 އަހަރު)
  • އަހްސަން މުހައްމަދު، ތ. ތިމަރަފުށި / އަސްރަފީވިލާ (32 އަހަރު)
  • އަލީ މުނީޒް، ތ. ތިމަރަފުށި / ކެނެރީގެ (28 އަހަރު)
  • މުހައްމަދު އާސިރު، ތ. ތިމަރަފުށި / އަސުރުމާގެ (34 އަހަރު)
  • އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ / ފެހިވިލާ (18 އަހަރު)
  • ޝަމާހް ޝަރީފް، ތ. ތިމަރަފުށި / ސައިމާ (20 އަހަރު)
  • އިބްރާހިމް ލޫތު، ނ. ކުޑަފަރި / ރޯޒްމީޑު (21 އަހަރު)
  • އަބްދުﷲ އިމާދު، ރ. މަޑުއްވަރީ / ބީޗް ހައުސް (29 އަހަރު)

މި މައްސަލައިގާ ހައްޔަރުކުރި މުނީޒްގެ މައްޗަށް ކޮށްފައި ވަނީ 3 ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއާއި ޓެރަރިޒަމް އަމަލެއް ކުުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާއެވެ.

އިމާދުގެ މައްޗަށް 4 ދައުވާއެއް ވަނީ ކޮށްފައެވެ. އެއީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާއާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.

ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ އާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަބްދުﷲ ޝަރީފާއި އަރުހަމުގެ މައްޗަށް ކޮށްފައިވާއިރު މި ދެމީހުންނަށްވެސް ވަނީ އިތުރު ދައުވާއެއް ކޮށްފައެވެ. އަބްދުﷲ ޝަރީފްގެ މައްޗަށް ވަނީ ޓެރަރިޒަމް ޖަމާއަތުގެ މެންބަރަކަށްވުމުގެ ދައުވާ ކޮށްފައެވެ. އަދި އަރުހަމްގެ މައްޗަށް ވަނީ ހަނގުރާމައަށް ދާން އުޅުނު ކަމުގެ ދައުވާކޮށްފައެވެ.

ޝަމާހު އާއި އަހްސަންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ އާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ.

މީގެ އިތުރުން، ލޫތުގެ މައްޗަށް ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވަނީ ކޮށްފައެވެ. އަދި އާސިރުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާކޮށްފައެވެ.

މި މީހުން އަތުލައިގެންފައި ވަނީ، ނަސާހް-3 ނަމަކަށް ކިޔާ ހުއިފިލަނޑާ ނަގާ ދޯންޏެއްގައި އައިއީޑީއެއް ތައްޔާރު ކުރަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެ ދޯނި ބަލައި ފާސްކުރި އިރު އައިއީޑީއެއް ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް އާލާތްތައް އެ ދޯނިން ފެނިފައިވެއެވެ. އަދި ދޯނި އަޅާފައި އޮތް ސަރަހައްދުން މޫދުއަޑި ބަލައި ފާސްކުރި އިރު 10 މީޓަރު އަޑިން، ބަޑިބޭސް އެކުލެވޭ ކަމަށް ބެލެވޭ ކާޓްރިޖްތަކެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ބަލައިފާސް ކުރި ގެއަކުން، އައިއީޑީއެއް ތައްޔާރު ކުރަން ބޭނުން ކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާ ތަކެތި ތައްޔާރު ކުރުމާ ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވެއެވެ. ހަމައެއާއެކު މި މައްސަލާގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރު ކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ތަހުގީގުގެ އަލީގައި ބުނެފައެވެ.