ތިމާވެއްޓަށް ގެއްލުން ދެނިވި މާއްދާތައް އެންމެ ގިނައިން ބޭރު ކުރާ ގައުމުތަކުގެ ލިސްޓުގެ 3 ވަނަ މަގާމު އަދިވެސް ގެންދަނީ އަވަށްޓެރި އިންޑިއާއިންނެވެ. އިންޑިއާއަކީ ބޯޓުދެލި ނުވަތަ ކޯލްއަށް އިންތިހާއަށް ބަރޯސާވެފައި ވާ ގައުމެއް ކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ކުރިއަށް އޮތީ މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރާ އެންމެ ވަރުގަދަ އެއް ޕްލެޓްފޯމް ކަމަށް ވާ ކޮޕް26ގެ ބައްދަލުވުންތައް ކަމަށް ވީ ނަމަވެސް، ދެމެހެއްޓެނިވި އަދި އިޔާދަ ކުރަނިވި ހަކަތައިގެ މަސްދަރުތަކަށް ބަރޯސާވުމަކީ އިންޑިއާއަށް ކުރެވިދާނެ ކަމެއް ކަމާ ސުވާލު އުފެދެއެވެ.

އިންޑިއާގެ ވިޔަފާރިވެރިންނާ ހިސާބުންވެސް މިކަމަށް ހައްލެއް ލިބޭނެ އަލި މަގެއް ނުފެނެއެވެ. ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު މަދުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރު ކުރުމަށް ތާއީދު ކުރުމުގެ ބަދަލުގައި، ވިޔަފާރިވެރިން އިނގިލި ދިއްކުރަނީ ހުޅަނގުގެ ގައުމުތަކަށެވެ. ހުޅަނގުގެ ގައުމުތަކުންވެސް އެކަން އެހެން ކުރާތީ ކަމަށް ބުނެއެވެ.

އަވަށްޓެރި އިންޑިއާގެ ބޯޓުދެލި ނަގާ މައިނެއްގައި މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ: ބިޒްނަސް ސްޓޭންޑަޑް

މުމްބާއީގައި ބޫޓު ކާރުހާނާއެއް ހިންގާ ޒުވާން ވިޔަފާރިވެރިއެކެވެ. އޭނާގެ ކާރުހާނާއިން ބޭރުވާ ގެދަބުޅިތަކުން މުޅި ސަރަހައްދު ވަނީ ތަގައްޔަރުވެފައެވެ. އޭނާގެ ކާރުހާނާއިން ބޫޓު އެކްސްޕޯޓް ކުރަނީ އިނގިރޭސިވިލާތާއި އެމެރިކާއަށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި، ހުޅަނގުގެ ތަހުޒީބީ ގައުމުތަކުން، ވިހަ ގޭސްތައް އިންޑިއާއަށް އެކްސްޕޯޓް ކުރީއެވެ. ވީ އިރު، އިންޑިއާއިން އެކަން ހުއްޓާލަންވީ ކީއްވެތޯ އޭނާ ސުވާލު އުފައްދައެވެ.

ކަން މިހެން އޮތް ނަމަވެސް ހުޅަނގުންވެސް ދަނީ، އިންޑިއާގެ މި އުސޫލު ބަދަލު ކުރުމަށް ޑިމާންޑް ކުރަމުންނެވެ. އިންޑިއާގެ ހަކަތައިގެ ސިނާއަތުގެ 70 ޕަސެންޓް ހިއްސާ ކުރަނީ ބޯޓު ދެލި ކަމަށް ވާއިރު، މިއީ ތިމާވެއްޓަށް އެންމެ ގެއްލުން ދެނިވި އެންމެ މުޑުދާރު ހަކަތައިގެ ބާވަތެވެ.

ދިރިއުޅުމުގެ ހުޅުކޮޅު

ބްރޫކިންގްސް އިންސްޓިޓިއުޝަންއިން އެންމެ ފަހުން އެކުލަވާލި ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާގެ ބޯޓު ދެލި ނަގާ ސިނާއަތުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބައިވެރިވާ މީހުންގެ އަދަދު 4 މިލިއަނަށް އަރައެވެ. ބޯޓުދެލީގެ ސިނާއަތް ވެފައި ވަނީ އިންޑިއާގެ އެންމެ ފަގީރު ސަރަހައްދުތަކުގެ ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތަކާ ގުޅިފައި ވާ ހައްސާސީ ސިނާއަތަކަށެވެ.

އިންޑިއާއަކީ ބޯޓުދެއްޔަށް އިންތިހާއަށް ބަރޯސާވެފައި ވާ ގައުމެއް / ފޮޓޯ: އޭޝިއާ ޓައިމްސް

މައިންތަކުގައި މަސައްކަތް ކުރާ މީހުންގެ ޔޫނިއަންގެ ފަރާތުން ވާހަކަދެއްކި ސުދާރްޝާން މޮހާންޓީ ބުނާ ގޮތުގައި "ބޯޓުދެއްޔާ ނުލާ އިންޑިއާއަށް ދިރިއުޅެވޭކަށް ނެތެވެ".

މޮހާންޓީ ބުނި ގޮތުގައި މައިންތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެތައް ބަޔަކަށް ވަނީ އަމިއްލަ ގެދޮރުވެސް ދޫކޮށްލަން މަޖުބޫރުވެފައެވެ. އެ ދަރަޖައަށް އެ މަސައްކަތް ފުޅާވެފައި ވަނިކޮށް، މައިންތައް ބަންދު ކުރަން ޖެހުމަކީ އެތައް ބައެއްގެ ދިރިއުޅުމަށް، އަނެއްކާވެސް ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް މޮހާންޓީ ބުނެއެވެ. ދުނިޔޭގެ ޕްރެޝަރަށް އިންޑިއާއިން ކިޔަމަންވެއްޖެ ނަމަ، އިންޑިއާ ދެމި އޮންނާނީ ކިހިނަކުންތޯ މޮހާންޓީ ވަނީ ސުވާލު އުފައްދާފައެވެ.

ދުރުގައި އޮތް ފެހި ބިމަކަށް އިޝާރާތް ކުރަމުން މޮހާންޓީ ވަނީ، ތިމާވެއްޓަށް ފައިދާ ކުރަނިވި މަސައްކަތްތަކެއްވެސް ކުރިއަށް ދާ ކަމަށް ބުނެފައެވެ.

ސާފު ހަކަތައިގެ ބާޒާރު

ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހަށް ބަލާއިރު އިންޑިއާއިން ބޯޓުދެލި ބޭނުން ކުރި މިންވަރު ވަނީ 2 ގުނަ އިތުރު ވެފައެވެ. ގިނަ އަދަކަށް މިހާރުވެސް ބޯޓުދެލި އިމްޕޯޓް ކުރަމުން ދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އިތުރު މައިންތައް ހުޅުވަންވެސް އެގައުމުން ދަނީ ރާވަމުންނެވެ.

އަވަށްޓެރި އިންޑިއާގެ ބޯޓުދެލި ނަގާ މައިނެއްގައި މަސައްކަތް ކުރާ ކުޑަކުއްޖެއް / ފޮޓޯ: އިކޯ ބިޒްނަސް

ކަން މިހެން އޮތް ނަމަވެސް، އިންޑިއާއިންވެސް ދަނީ ސާފު ހަކަތައިގެ މިސްރާބަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ބޭނުން ކުރަމުންދާ ކަރަންޓުގެ 40 ޕަސެންޓަކީ ގެއްލުން ދެނިވި މާއްދާތަކުން އެއްކިބާވެފައި ވާ ހަކަތަ ކަމުގައި، 2030 ވަނަ އަހަރު އަންނަން ވާއިރަށް ހެދުމަށް، އިންޑިއާއިން ވަނީ އަމާޒު ހިފާފައެވެ.

މި އަމާޒަށް ވާސިލުވުމުގައި ބައެއް ސަރަހައްދުތަކުން މިހާރުވެސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ދިއްލީ މެޓްރޯ ސިސްޓަމުން ބޭނުން ކުރާ ހަކަތައިގެ 60 ޕަސެންޓަށް ވުރެ ބޮޑު މިންވަރެއް ހިއްސާ ކުރަނީ އިރުގެ އަވިން ލިއްބައިދޭ ހަކަތަ ކަމުގައި ފާހަގަ ކުރަން ޖެހެއެވެ. ނަމަވެސް މުޅި އިންޑިއާއަށް މިކަން ފަތުރާލުމަށްޓަކާ، ބޭރުގެ އިންވެސްޓްމަންޓް ބޭނުންވާނެއެވެ.

އެހެން ގޮތެއް ނެތް

އިންޓަނޭޝަލަން އެނާޖީ އޭޖެންސީއިން ބުނާ ގޮތުގައި 1.3 ބިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް އިންޑިއާއިން ކުރިއަށް އޮތް އަހަރުތަކުގައި ހަކަތައަށް ކުރާ ޑިމާންޑް، އެހެން ހުރިހާ ގައުމަކަށް ވުރެ އިތުރު ވެގެންދާނެއެވެ.

މިހާ ހިސާބުން އޮރިއްސާ ފަދަ ސަރަހައްދަކަށް ބަލާލުން މުހިންމެވެ. ބޯޓުދެލި ނަގާ މައިނަކާ މާ ދުރުނޫން ހިސާބެއްގައި އަޅާފައި ވާ ވަގުތީ ޖިފުޓިއެއްގެ ބޭރުގައި ރޯކޮށްފައި ވާ އުނދުން ކައިރީ އުޑަފައިން އިށީނދެ އިން ޔަމުނާ މުންޑާއަށް، ދުންބޯވެފައި ވާ އެތަނުގައި އިނުން ނޫން އެހެން ގޮތެއް ނެތެވެ.

އަވަށްޓެރި އިންޑިއާގެ ބޯޓުދެލި ނަގާ މައިނެއްގައި މަސައްކަތް ކުރާ ކުޑަކުއްޖެއް / ފޮޓޯ: އިކޯ ބިޒްނަސް

އެކި ކަހަލަ މަސައްކަތްތައް ކޮށްގެން ދިރިއުޅުމުގެ ހަރުދުތައް ބަލަހައްޓަމުން އަންނަ ޔަމުނާއަށް ކަރަންޓް ލިބޭނެ ގޮތެއް ނެތެވެ. އުނދުން މަތީގައި ކެކެމުން ދިޔަ ކުކުޅު ސުރުވާކޮޅު ރޯފިލުވަން، ބޯޓުދެލި ބޭނުން ކުރުން ނޫން އެހެން ގޮތެއް އޭނާއަކަށް ނެތެވެ. ރޭގަނޑުގެ އަނދިރި ކަމުގެ ތެރެއިން އަލިކަމެއްގެ ހިލަމެއްވެސް ވަނީ ބޯޓުދެލި ބޭނުން ކޮށްގެންނެވެ.

ކިތަންމެ ގެއްލުމެއް ދިން ކަމުގައި ވީ ނަމަވެސް ބޯޓުދެލި ބޭނުން ކުރުން ނޫން އެހެން ގޮތެއް ޔަމުނާ ފަދަ މީހަކަށް ނެތެވެ. އިންޑިއާއަކީ ހަކަތައަށް ފެން ބޮވައިގެން، ކަރުހިއްކުން ފިލާ ނުދާ ގައުމެކެވެ. ނަމަވެސް ތިމާވެއްޓާ ރައްޓެހި ކުރިއެރުމެއް ހޯދުމަށް ކޮންމެވެސް ވަރެއްގެ އަގެއް ދައްކަން ޖެހޭ ކަން އިންޑިއާއިންވެސް ގަބޫލު ކުރަން ޖެހެއެވެ.