ވ. އަތޮޅުން ވިހަ ގަދަ ބޯވަ އެއް ފެނިއްޖެއެވެ.
މޯލްޑިވްސް ފިޝަމޭންގެ ނަމުން ހިންގާ ޓްވީޓާ އެކުންޓުގައި ބުނީ އެ ވިހަ ގަދަ ބޯވަ ފެނިފައި ވަނީ މިމަހު 25 ވަނަ ދުވަހު އެންދަމަން އުޅުނު މާހޯރަ ދޯނީގެ ފަޅުވެރިނަށް ކަމަށެވެ.
އެ މި ބޯވަ ފެނުނީ ދަލުގެ ތެރެއިން ކަމަށް ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ރާއްޖެއިން މީގެ ކުރިން ވެސް ވިހަ ގަދަ ބޯވަތައް ވަނީ ފެނިފައެވެ.
އެގޮތުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ބްލޫރިންގްޑް އޮކްޓޮޕަސް ނަމަކަށް ކިޔާ ވިހަ ގަދަ ބޯވަ ބައެއް ސަރަހައްދުތަކުން މިހާރު ފެންނާތީ އެމްއެމްއާރުއައި އިން ވަނީ ސަމާލުވުމަށް އެދިފައެވެ.
އެ ވައްތަރުގެ ބޯވައަށް ނުރައްކާ އޮތް ކަން އިހްސާސް ވުމުން ވަށްބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެ ވިދުމެއްހެން ލައްތަކެއް ހަންގަނޑަށް އަރުވާ ވިހަ މާއްދާއެއް ބޭރުކުރާ ކަމަށާއި އެއީ އިންސާނުންގެ ހިއްސުތަކާ ބެހޭ ނާރަށް ހަމަލާދޭ ވިހައެއް ކަމަށް އެމްއެމްއާރުއައި ބުނެއެވެ.
މި ބާވަތުގެ ބޯވައިގެ ނުރައްކާ ކިޔައިދެމުން އެމްއެމްއާރުއައި ބުނީ ނިއުރޯޓޮކްސިން އިން ވިހަވުމާ އެކު ބޯ އެނބުރުމާއި ހޮޑުލަވާގޮތް ވުމާއި ހިތް ހުއްޓުން ފަދަ ކަންކަން ދިމާވާ ކަމަށެވެ. ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައި ވާ މީހާ މަރުވުން އެކަށީގެންވާ ކަމަށެވެ.