ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ދެމިގެންދިޔަ އދގެ 76 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބަހުސް ނިންމާލިއިރު، މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވުނު 2 ކަމެއް އެބައޮތް ކަމަށާ، އެތަނުން އެއް ކަމަކީ، އުކުޅުތަކުގައި ކިތަންމެ ވަރަކަށް ދެބަސްވި ކަމުގައި ވީ ނަމަވެސް، އަމާޒަކީ އެއް އަމާޒެއް ކަމާ، ކުރިމަތިލާން ޖެހިފައި ވާ ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް ރޫހެއް އޮތް ކަމާ، އޮތީ އެއް ކަންބޮޑުވުންތަކެއް ކަމަށް، އާންމު މަޖިލީހުގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ދިވެހި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ 76 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބަހުސް ނިންމަވާލައްވަމުން ދެއްވި ތަގުރީރުގައި، 2 ވަނަ ކަމެއްގެ ގޮތުގައި ޝާހިދު ފާހަގަ ކުރެއްވީ، ގިނަ ގައުމުތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އަދިވެސް ކުރިއަށް ދާ ކަމެވެ. އެގޮތުން ގިނަ ބަޔަކު ވާހަކަ ދައްކާ، މަޝްވަރާތަކުގައި ބައިވެރިވެ ހެދި ހެދުމަކީ މަޝްވަރާއާ ޑިޕްލޮމަސީއަކީ އަދިވެސް ދުނިޔެ ބަލައިގަންނަ ހަމަތަކެއްކަން ކަމަށްވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިކަމަކީ އދގެ ގާބިލިއްޔަތުކަމަށް ގައުމުތަކުގައި އޮތް އިތުބާރު އަންގައިދެނިވި ކަމެއް ކަންވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

އުއްމީދު އާ ކުރަންވީ މި ހަގީގަތްތަކުން ކަމަށާ، 76 ވަނަ އާންމު މަޖިލީހުގެ ދައުރުގައި ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރަންވީ މި ޒިންމާއާއި އަޒުމުގައި ހިފައިގެން ކަމަށްވެސް އާންމު މަޖިލީހުގެ ރައީސް ޝާހިދު ވަނީ، މެންބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން މުޅިން އަރައި ނުގަނެވި އުޅެނިކޮށް ކުރިއަށް ގެންދިޔަ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގެ ކާމީޔާބީ ފާހަގަ ކުރައްވަމުން ޝާހިދު ވަނީ، މި ފިޔަވަޅަކީ، ބަލިމަޑުކަމުން އަރައިގަތުމަށް އދއިން މިހާތަނަށް އެޅި އެންމެ ވަރުގަދަ ފިޔަވަޅު ކަމަށެވެ. އަދި މިކަމަކީ މެންބަރު ގައުމުތަކުގެ އެހީއާ ނުލާ ނުކުރެވޭނެ ކަމެއް ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިފަދަ ވަގުތެއްގައި އާންމު މަޖިލީހެއް ހުޅުވައިގެން ކުރިއަށް ގެންދިއުމަކީ ކާމިޔާބެއް ކަމަށާ، ހަގީގީ ކާމިޔާބު ވަޒަން ކުރެވެން އޮތީ، އެއް ގައުމަށް ވުރެ ގިނަ ގައުމު ބައިވެރިވާ ނިޒާމްގެ ތެރެއިން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އޮތް އަޒުމެއްގެ މައްޗަށް ކަމަށްވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ ހަފުތާއެއް ކުރިން ފެށި އދގެ އާންމު މަޖިލީހުގެ އިސްވެރިންގެ ބަހުސްގައި، 194 ބޭފުޅަކު ވަނީ ވާހަކަދައްކަވާފައެވެ. އޭގެ ތެރޭގައި 100 ގައުމެއްގެ ދައުލަތުގެ އެންމެ އިސްވެރިންނާއި، 52 ގައުމެއްގެ ސަރުކާރުގެ އެންމެ އިސްވެރިންގެ އިތުރުން 3 ނައިބު ރައީސުންނާއި 34 ވަޒީރަކު ހިމެނިވަޑައިގަންނަވާ ކަން، ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

އާންމު މަޖިލީހުގެ އިސްވެރިންގެ ބަހުސްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުއެވެ.

ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޝާހިދު ވަނީ، އެކި ފަންތީގެ އެކި ވަފުދުތަކުގެ 70 އެއްހާ އިސްވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

މިއީ އދގެ އާންމު މަޖިލީހުގެ ރިޔާސަތު، ދިވެހިރާއްޖެއިން ބަލަހައްޓަމުން ދާ ފުރަތަމަ ފަހަރެވެ. އދގެ އާންމު މަޖިލީހުގެ ރިޔާސަތު، ފޮރިން މިނިސްޓަރު ޝާހިދު ކާމިޔާބު ކުރެއްވީ، މެންބަރު ގައުމުތަކުގެ ބޮޑު ތާއީދަކާއެކުގައެވެ. އާންމު މަޖިލީހުގެ ރިޔާސަތަށް ޝާހިދު ވަޑައިގެންނެވީ، "އުއްމީދުގެ ރިޔާސަތު"ގެ ޝިއާރު ޕްރޮމޯޓް ކުރައްވަމުންނެވެ.