ޕޫނޭގައި ހުންނަ އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑެމީ (އެންޑީއޭ) ގައި ތަމްރީނުތައް ފުރިހަމަ ކުރަނިކޮށް މަރުވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ޖަނާޒާ ބާއްވައިފިއެވެ.

ސުލްތާންގެ ޖާނާޒާ ބާއްވާފައިވަނީ މިއަދު މައުރިބް ނަމާދަށްފަހު، ރަސްމީ އިއްޒަތުގައި މާލޭ މަސްޖިދުއް ތައާވުން އާސަހަރާ މިސްކިތުގައެވެ.

ސުލްތާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު މެންދުރުފަހު 1 ޖެހިއިރެވެ. ސުލްތާން މަރުވި އިރު އުމުރަކީ 22 އަހަރެވެ.

އެމްއެންޑީއެފް މިއަދު ވަނީ ސުލްތާން މަރުވި ސަބަބު ދެނެގަތުމަށްޓަކައި އެންޑީއޭ އިން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވީ ނަމަވެސް އާއިލާގެ އެދުމެގެމަތިން ސުލްތާންގެ ޕޯސްޓްމޯޓަމް ނަހަދާ ކަމަށް ބުނެފައެވެ.

މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު އޮތް ތަމްރީނުތައް ހަދަމުން ދިޔަ ވަގުތު ސުލްތާން ވެއްޓުނީ ހޭނެތިގެން ކަމަށާއި، އެންޑީއޭއިން މަސައްކަތް ކުރި ނަމަވެސް، އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރުގެ އޭޕްރިލްގައި އެމްއެންޑީއެފާ ގުޅުނު ސުލްތާން، އިންޑިއާގައި ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗުން 2024 ވަނަ އަހަރުގެ މާޗްގެ 15 އަށް ޕޫނޭގައި ހުންނަ ޑިފެންސް އެކަޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓު ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރީ އިންޓަގްރޭޓަޑް ހެޑްކުއާޓާސް (ޖޭ-1) ގައެވެ.