ދައުލަތުގެ ބެލުމުގެ ދަށުގައި ދެކުނުގެ އަތޮޅެއްގައި ހުރި ކުއްޖަކާއި މެދު ކަންތައްތައް ކުރި ގޮތުން، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތަކެއް ހުުރުމާއެކު، ޖެންޑާ މިނިސްޓްރީގެ މުވައްޒަފެއް ސަސްޕެންޑު ކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންތައް ހުރިކަމަށް މިނިސްޓްރީ އަށް ފެންނާތީ އެ ކަންތައްތައް ވަނީ ބަލަން ފަށާފައި ކަމަށާއި، މިކަމުގެ މައުލޫމާތު އޮމްބަޑްސްޕާސަން އާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.

މި މައްސަލާގައި ޖެންޑާ މިނިސްޓްރީން ސަސްޕެންޑު ކުރީ ދެކުނުގެ އަތޮޅެއްގައި ހުންނަ ޗިލްޑްރަންސް ސާވިސް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

މި މުވައްޒަފު ސަސްޕެންޑް ކުރެވިފައި ވަނީ ކުއްޖަކާ މުއާމަލާތް ކުރަން ޖެހޭ މޭރުމުން މުހާތަބު ކޮށްފައި ނުވާތީ އަދި ކުއްޖާ ބެލެހެއްޓުމުގައި ކުއްޖާއާއި މެދު އަމަލު ކުރަން ނުޖެހޭ ގޮތަަށް އަމަލުތައް ބަހައްޓާފައިވާތީ
ޖެންޑާ މިނިސްޓްރީ

ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މި ކުއްޖާ ވަނީ ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި އެ ކުއްޖާގެ ހާލު މިވަގުތު ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިކަމާ ގުޅިގެން، އެ ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމުގައިވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.