ޕޫނޭގައި ހުންނަ އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑެމީ (އެންޑީއޭ) ގައި ތަމްރީނުތައް ފުރިހަމަ ކުރަނިކޮށް ނިޔާވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ޕޯސްޓްމޯޓެމް އެއް ހަދާފައި ނުވަނީ އާއިލާގެ އެދުމުގެ މަތިން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން މިހެން ބުނީ ސުލްތާން ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އެންޑީއޭ އިން ޕޯސްޓްމޯޓެމް ހަދަން ނިންމާފައިވާ ކަމަށް ބަޔާނެއް ނެރެފައި ވަނިކޮށެވެ. އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށްވެސް އެންޑީއޭ އިން އޭރު ބުންޏެވެ.

ނަމަވެސް، އެމްއެންޑީއެފް އިން ބުނީ ސުލްތާންގެ ޕޯސްޓްމޯޓެމް އެއް ނަހަދާ ކަމަށާއި، ސުލްތާންގެ ޕޯސްޓްމޯޓެމް އެއް ހަދާފައި ނުވަނީ އޭނާގެ އާއިލާގެ އެދުމުގެ މަތިން ކަމަށެވެ.

މިމަހުގެ 25 ގައި މެންދުރުފަހު ތަމްރީނުތައް ހަދަމުން ދިޔަ ވަގުތު ސުލްތާން ވެއްޓުނީ ހޭނެތިގެން ކަމަށާއި، އެ އިދާރާއިން މަސައްކަތް ކުރި ނަމަވެސް، އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް އިއްޔެ އެންޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެއެވެ.

2018 ވަނަ އަހަރުގެ އޭޕްރިލްގައި އެމްއެންޑީއެފާ ގުޅުނު ސުލްތާން، އިންޑިއާގައި ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗުން 2024 ވަނަ އަހަރުގެ މާޗްގެ 15 އަށް ޕޫނޭގައި ހުންނަ ޑިފެންސް އެކަޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓު ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރީ އިންޓަގްރޭޓަޑް ހެޑްކުއާޓާސް (ޖޭ-1) ގައެވެ.

ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު 1:00 ހާއިރު މާލެ ގެނެސްފައިވާއިރު، ކަށުނަމާދު އޮންނާނީ މަޣްރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.