ޕޫނޭގައި ހުންނަ އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑެމީ (އެންޑީއޭ) ގައި ތަމްރީނުތައް ފުރިހަމަ ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ކޯޕްރަލް މުހައްމަދު ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު 1:00 ހާއިރު މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އުމުރުން 22 އަހަރުގެ ސުލްތާން ނިޔާވީ މިމަހުގެ 25 ގައި އޮތް ޓްރޭނިން އެއްގައި އޮތް ދިގު ދުވުމެއް ފުރިހަމަ ކުރަމުން ދަނިކޮށް ވެއްޓިގެންނެވެ.

އިއްޔެ އެންޑީއޭ އިން ނެރުނު ބަޔާނުގައި ބުނީ މިމަހުގެ 25 ގައި މެންދުރުފަހު ތަމްރީނުތައް ހަދަމުން ދިޔަ ވަގުތު ސުލްތާން ވެއްޓުނީ ހޭނެތިގެން ކަމަށާއި، އެ އިދާރާއިން މަސައްކަތް ކުރި ނަމަވެސް، އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ.

އެހެންކަމުން ސުލްތާން މަރުވި ސަބަބު ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ

2018 ވަނަ އަހަރުގެ އޭޕްރިލްގައި އެމްއެންޑީއެފާ ގުޅުނު ސުލްތާން، އިންޑިއާގައި ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗުން 2024 ވަނަ އަހަރުގެ މާޗްގެ 15 އަށް ޕޫނޭގައި ހުންނަ ޑިފެންސް އެކަޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓު ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރީ އިންޓަގްރޭޓަޑް ހެޑްކުއާޓާސް (ޖޭ-1) ގައެވެ.

ސުލްތާން ނިޔާވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެއް މިނެޓުގެ ހަމަހިމޭންކަމުގެ ސުކޫތެއް އިއްޔެ ގެނެސްފައެވެ.