ކ. ތިލަފުށި ކައިރިން ދަތުރު ކުރަމުން ދިޔަ "ހެންޑީ ކްރުއިސާ" ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވެ، އަޑިއަށް ގޮސް އެ ސަފާރީން ދަތުރު ކުރަމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މަރުވެފައި ވަނީ 41 އަހަރުގެ ބިދޭސީ ފިރިހެނެކެކެވެ.

މިއަދު ހެނދުނު ބޮލިފުށި ކައިރިން މާލެ އަށް ދަތުރުކުރި މި ސަފާރީ ދިޔަވެ އަޑިއަށް ގޮސްފައި ވަނީ ވިއްސާރަވެ، ކަނޑުގަދަވުމުގެ ސަބަބުންނެވެ.

ހޭންޑީ ކްރޫޒާ ސަފާރީން ދަތުރުކުރި 17 މީހުން، އެ ސަރަހައްދުގައި އޮތް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ވަނީ ހުޅުމާލެއަށް ގެންގޮސްފައެވެ. އަދި އޭގެ ތެރެއިން 7 މީހަކަށް ހާލުބޮޑުވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން ދާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް މެންދުރު ފަހު 12:30 ގެ ނިޔަލަށް އޮރެންޖް އެލާޓް ވަނީ ނެރެފައެވެ. އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓްވެސް ވަނީ ނެރެފައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލާފަކޮށްފައިވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.