މާލެއަށް ދަތުރު ކުރަމުންދިޔަ ހޭންޑީ ކްރޫޒާ ސަފާރީ ވަނީ އަޑިއަށް ގޮސްފައި ކަމަށާއި، އެ ސަފާރީގައި ތިބި މީހުންގެ ތެރެއިން ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ނަމަވެސް، އެ ހަ މީހުންގެ ހާލާއި ފަރުވާ ދެމުންދާ ހޮސްޕިޓަލާއި ގުޅޭ ގޮތުން އެމްއެންޑީއެފް ވަކި އެއްޗެއް ނުބުނެއެވެ.

17 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ހޭންޑީ ކްރޫޒާ ސަފާރީ، މޫސުން ގޯސްވުމުގެ ސަބަބުން ދިޔަވެގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:40 ހާއިރު އެވެ. އެމްއެންޑީއެފް އިން މީގެ ކުރިން ބުނީ އެ ސަފާރީގައި ތިބި 17 މީހުން އެ ސަރަހައްދުގައި އޮތް ކޯސްޓްގާޑުގެ އުޅަނދަކަށް އެރުވުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން ދާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް މެންދުރުފަހު 12:30 ގެ ނިޔަލަށް އޮރެންޖް އެލާޓް ވަނީ ނެރެފައެވެ. އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓްވެސް ވަނީ ނެރެފައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލާފަކޮށްފައިވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.