ތިލަފުށީގެ ހުޅަނގު ދެކުނުން، ހަތަރު ނޯޓިކަލް މޭލުގެ ބޭރުން ދިޔަވި ސަފާރީއަކަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

17 މީހުންނާއެކު ދަތުރުކުރަމުން ދިޔަ "ހޭންޑީ ކްރޫޒާ" ނަމަކަށް ކިޔާ މި ސަފާރީ، މޫސުން ގޯސްވުމުގެ ސަބަބުން ދިޔަވެގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:40 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފް އިން ބުނީ ހޭންޑީ ކްރޫޒާ ސަފާރީން ދަތުރުކުރި 17 މީހުން، އެ ސަރަހައްދުގައި އޮތް ކޯސްޓްގާޑުގެ އުޅަނދަކަށް އެރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން ދާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް މެންދުރުފަހު 12:30 ގެ ނިޔަލަށް އޮރެންޖް އެލާޓް ވަނީ ނެރެފައެވެ. އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓްވެސް ވަނީ ނެރެފައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލާފަކޮށްފައިވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.