މޫސުމަށް ސަމާލުވުމަށް އަންގައި ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް އޮރެންޖް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ، ޔެލޯ އެލާތް ނެރެފައި ވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 12:30 އާ ދެމެދުގެ ވަގުތަކަށް ކަމަށެވެ.
އެ ހިސާބުގެ ރަށްރަށަށް އޮރެންޖް އެލާޓް ނެރެފައިވަނީ ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ކަމަށް މެޓް އޮފީހުން ބުނެއެވެ.
މޫސުމުން ގޯސްވުމުގެ ސަބަބުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ވަނީ ރައްކާތެރިވުމުގެ ގޮތުން އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ފެންބޮޑުވެދާނެ ކަމަށް ރައްކާތެރިވުމުގެ ގޮތުން ގެއަށް ފެންނުވަންނާނެހެން ވެލި ބަސްތާފަދަ އެއްޗެއް ބޭނުންކޮށް ދުރާލާ ތައްޔާރުވުމާއި ފެންޖެހިގެން ހަލާކުވެދާނެ ތަކެތި ފެންނުޖެހޭނެ ތަނަކަށް ބަދަލުކުރުމަށް އެންޑީއެމްއޭއިން ވަނީ އިރުޝާދުދީފައެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލާފަކޮށްފައިވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކަނޑުދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ދަތުރަށް ފެށުމުގެ ކުރިން ޔަގީންކުރުމަށް ފުލުހުން ވަނީ ހަނދާކޮށްދީފައެވެ.
މީގެ އިތުރުން، ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި މަގުހިނގާ މީހުންނާއި އުޅަނދު ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ފުލުހުން ބުނެއެވެ. އަދި ވަކިން ޚާއްޞަކޮށް މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ ދުއްވާ މީހާ އަށާއި މަގު ހިނގާ މީހުންނަށްވެސް އިޢާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެކަމެއްކަމަށް ވާތީ އެކަންކަމަށްވެސް ރައްޔިތުން ސަމާލުކަން ދިނުމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ވިއްސާރެވެ ވައިގަދަ ވުމާއެކު ސިނަމާލެ ބްރިޖާއި ރިންގް ރޯޑުގައި ސައިކަލު ދުއްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.