އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑެމީ (އެންޑީއޭ) ގައި ތަމްރީނުތައް ހަދަމުން ދަނިކޮށް މަރުވި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ މަރުގެ ތަހުގީގު ފަށާފައިވާ ކަމަށާއި، އޭނާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް، އެ އިދާރާއިން ބުނެފިއެވެ.

ޕޫނޭގައި އެންޑީއޭގައި ތަމްރީނުތައް ފުރިހަމަ ކުރަމުން ދިޔަ އުމުރުން 22 އަހަރުގެ ސުލްތާން މަރުވީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އޮތް ޓްރޭނިން އެއްގައި އޮތް ދިގު ދުވުމެއް ފުރިހަމަ ކުރަމުން ދަނިކޮށް ކަމަށް، އެމްއެންޑީއެފް އިން އިއްޔެ ބުނެފައި ވެއެވެ.

މިއަދު އެންޑީއޭ އިން ނެރުނު ބަޔާނުގައި އެ އިދާރާއިން ބުނީ އިއްޔެ މެންދުރުފަހު ތަމްރީނުތައް ހަދަމުން ދިޔަ ވަގުތު ސުލްތާން ވަނީ ހޭނެތިގެން ވެއްޓިފައި ކަމަށާއި، އެ އިދާރާއިން މަސައްކަތް ކުރި ނަމަވެސް، އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ. ސުލްތާން މަރުވި ސަބަބު ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

"(ސުލްތާން) މަރުވީ ކިހިނެއްކަން ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް އެއް (އެންޑީއޭ) އިން ހަދަން ވަނީ ނިންމާފައެވެ. އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި ހާދިސާ އިތުރަށް ތަހުގީގުކުރަން ވަނީ އަމުރެއް ނެރެފައެވެ." އެންޑީއޭގެ ބަޔާނުގައި ވެއެެވެ.

އިންޑިއަން އެކްސްޕްރެސް އާ ހަވާލާދީ ޕޫނޭގެ ޕޮލިސް ކޮމިޝަނަރު ޕޮނިމާ ގައިކްވަދް ވިދާޅުވީ ސުލްތާންގެ މަރު ތަހުގީގު ކުރަމުން ގެންދާ ކަމަށާއި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އޭނާގެ މަރުގައި ޝައްކު އުފެދޭ ކަމެއް އަދި ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

2018 ވަނަ އަހަރުގެ އޭޕްރިލްގައި އެމްއެންޑީއެފާ ގުޅުނު ސުލްތާން، އިންޑިއާގައި ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗުން 2024 ވަނަ އަހަރުގެ މާޗްގެ 15 އަށް ޕޫނޭގައި ހުންނަ ޑިފެންސް އެކަޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓު ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރީ އިންޓަގްރޭޓަޑް ހެޑްކުއާޓާސް (ޖޭ-1) ގައެވެ.

ސުލްތާންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިއްޔެ އެމްއެންޑީއެފުން ބުންޏެވެ.