ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ބޮޑެތި މައްސަލުތަކާ މެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ މަގުސަދުގައި 24 ގަޑިއިރަށް ކުރިއަށް ގެންދާ ވަރުގަދަ ކެމްޕޭން، "ދަ ގްލޯބަލް ސިޓިޒަން" ފެސްޓިވަލްގައި، އދގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާ، ވެކްސިން މަޝްރޫއުގެ ހަމަހަމަކަން ގެއްލިފައި ވުމާއި، ބަނޑުހައިހޫނު ކަމުގެ ތަކުލީފުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ލޯތަށް ހުޅުވާލުމުގެ މަގުސަދުގައި ކުރިއަށް ގެންދާ "ދަ ގްލޯބަލް ސިޓިޒަން" ފެސްޓިވަލްގައި ބައިވެރިވެވަޑައިގެން، ދެއްވި މެސެޖުގައި ޝާހިދު ވަނީ، މުސްތަގުބަލު ކާމިޔާބު ކުރުމަށްޓަކާ، އުއްމީދާއި ސާބިތުކަން ނުވަތަ "އޮޕްޓިމިޒަމް" ހިޔާރު ކުރުމަށް ގޮވާލައްވާފައެވެ.

މުޅި ދުނިޔެއަށް މަޝްހޫރު 60 އަށް ވުރެ ގިނަ ފަންނުވެރިންގެ ހުށަހެޅުންތައް ފެނިގެންދާ "ދަ ގްލޯބަލް ސިޓިޒަން" ފެސްޓިވަލްގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ، ދުނިޔޭގެ ވަސީލަތްތައް ބޭނުން ކުރަމުންދާ ގޮތާ، ދަތުރުފަތުރު ކޮށް އުޅޭ ގޮތާއި، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކުރުމަށްވެސް ގޮވާލައްވާފައެވެ.

މަޝްހޫރު ޖޯން ލެނަންގެ ލަވައަކަށް ހަވާލާދެއްވާ، ޝާހިދު ވަނީ، 'ތިމަންނާއީ ހުވަފެން ދެކޭ މީހެއް ކަމުގައި ތިބާއަށް ހީވެދާނެ ކަމަށާ، ނަމަވެސް މިއަދު އެ ހާލުގައި ހުރި ހަމައެކަނި މީހަކީ އެއީ ނޫންކަން ފަހުމްވެވަޑައިގެންފި ކަމަށް" ވިދާޅުވެފައެވެ.

ލަވަ ވިދާޅުވެވޭނެ ނަމައޭ ހިތަށްއަރާވަޑައިގަންނަވާ ކަމަށާ، ނަމަވެސް، މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ، މެސަޖަކަށް ބަރޯސާވުން ކަމަށް ވިދާޅުވެ، ވާހަކަ ކުރިއަށް ގެންދަވަމުން ޝާހިދު ވަނީ، މޫސުމީ ނޭދެވޭ ބަދަލުތަކަކީ، މިއަދު ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު ނުރައްކާ ކަމަށް ވިދާޅުވެފައެވެ.

މި މޭރުމުން ޝާހިދު ވަނީ ދުނިޔޭގެ ލީޑަރުންނަށްވެސް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. އެގޮތުން، މޫސުމީ ބަދަލުތަކާ ގުޅިގެން ގައުމުތަކުން ކަނޑައަޅާފައި ވާ އަމާޒުތައް އިތުރަށް ވަރުގަދަ ކުރުމަށް، ދުނިޔޭގެ ލީޑަރުންނަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

"ދަ ގްލޯބަލް ސިޓިޒަން" ފެސްޓިވަލް ބަލާލުމަށް އެތައް ހާސް ބަޔަކު ޖަމާވެފައި ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން، ލައިވް ބްރޯޑްކާސްޓް މެދުވެރިކޮށް، އެތައް މިލިއަން ބަޔަކު މި އިވެންޓް ބަލާނެ ކަމަށް ލަފާ ކުރެވެއެވެ. މި އިވެންޓްގެ އެކި ހުށަހަޅުންތައް، ދުނިޔޭގެ އެކި މަންޒިލްތަކުގައި ކުރިއަށް ދާއިރު، އެޑް ޝީރަން، ޖޭލޯ އަދި ބިލީ އެލީޝް ފަދަ ތަރިންގެ ހުށަހެޅުންތައް ތާވަލު ކޮށްފައިވެއެވެ.

"ދަ ގްލޯބަލް ސިޓިޒަން" ފެސްޓިވަލްއަކީ، 2030 ވަނަ އަހަރު އަންނަން ވާއިރަށް، އިންތިހާ ފަގީރުކަން ނައްތާލުމުގެ ހިލޭ ސާބަހަށް ހިންގާ އެންމެ ވަރުގަދަ އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓެވެ.