މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު އެމްޑީޕީގެ ދާއިރާގެ އިންތިހާބުގައި މާލޭގެ ރައީސް ކަން ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ކުރިއަށް ދިޔަ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާ ވާދަކުރައްވާ ޝިފާ ވަނީ އެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

އަކްރަމް ވަނީ ބަލި ގަބޫލު ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. އެ ގޮތުން އަކްރަމް ވިދާޅުވީ، އިންތިހާބުން ނާކާމިޔާބުވި ނަމަވެސް އޭނާއަށް ވޯޓު ދިން ހުރިހާ މެންބަރުންނަށާއި ވޯޓު ހޯދުމަށް މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

މާލޭގެ ދާއިރާއިން ޝިފާ ކާމިޔާބު ހޯއްދެވި އިރު، މެދު ދެކުނު ޕްރޮވިންސްގެ ރައީސްކަން ކާމިޔާބު ކުރައްވަފާއި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ހަމައެއާއެކު މަތި ދެކުނު ޕްރޮވިސްގެ ރައީސް ކަން ކާމިޔާބު ކުރައްވާފައި ވަނީ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.

މި އިންތިހާބުގައި 455 މަގާމަކަށް 735 މެމްބަރުން ކުރިމަތިލާފައި ވެއެވެ. މި އިންތިހާބުގައި މެންބަރުން އިންތިހާބު ކުރާނީ ދާއިރާ، ޕްރޮވިންސް އަދި ސިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކްރެޓަރީންނެވެ.