މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ޒައީމް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އަދި ރައީސްކަމަށް އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ޕްރައިމަރީ އަށް ނުގޮސް ހޮވިވަޑައިގެންފިއެވެ.

އެމްއާރުއެމް އިން ވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގައި ވާޗުއަލްކޮށް އެ ޕާޓީން ބާއްވާ ނެޝަނަލް ކޮންވެންޝަންގައި އިންތިޚާބުކުރާ އެ ޕާޓީގެ އިސްމަގާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް މިއަދު އާންމު ކޮށްފައެވެ.

އެގޮތުން މިދިޔަ މަހުގެ 26 އިން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހަށް ހުޅުވާލި ފުރުސަތުގައި 16 މަގާމަކަށް 50 އަށް ވުރެ ގިނަ ފަރާތްތަކުން ކުރިމަތިލި އިރު ހަތް މަގާމެއް ވަނީ ކަށަވަރު ވެފައެވެ.

އިންތިޚާބަކާއި ނުލާ އެމްއާރުއެމްގެ މަގާމުތަކަށް ހޮވުނު ފަރާތްތައް

  • މައުމޫން އަބްދުލް ގައްޔޫމް - ޒައީމް
  • އަހުމަދު ފާރިސް މައުމޫން - ރައީސް
  • އާމިނަތު ނާދިރާ - ނައިބު ރައީސް (އަންހެން)
  • އިބްރާހީމް ފަރުހަދު - ޒުވާނުންގެ ކައުންސިލްގެ ރައީސް
  • އާމިނަތު ރިފްގާ - ޒުވާނުންގެ ކައުންސިލްގެ ނައިބު ރައީސް
  • އާރިޒާ ރަޝީދު - އަންހެނުންގެ ކައުންސިލްގެ ރައީސް
  • ހައްވާ އިއްފަތު - އަންހެނުންގެ ކައުންސިލްގެ ނައިބު ރައީސް

2019 ވަނަ އަހަރު ރަޖިސްޓްރީ ކުރެވުނު އެމްއާރުއެމް އަކީ މައުމޫނުގެ ބެލުމުގެ ދަށުން ހިންގާ ޕާޓީއެކެވެ. އެމްޑީޕީ، އަދާލަތު ޕާޓީ، އަދި ޖުމްހޫރީ ޕާޓީގެ އިތުރުން ސަރުކާރު ކޯލިޝަނުގައި ދެން ހިމެނެނީ އެމްއާރުއެމް އެވެ.