އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ އަސްލު ހޯދައި، މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް، އެ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ކަމެއް ހުރިތޯ ބަލައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ޝަރީފް ވަނީ އިންޑިއާ އާއި އެކު ވެފައިވާ ތިން އެއްބަސްވުމެއްގެ އަސްލު ހޯދައި، އެ އެއްބަސްވުންތައް 241 ކޮމިޓީގައި ދިރާސާކުރަން އެދިވަޑައިގެންފައެވެ. އެ އެއްބަސްވުންތަކަކީ:

  • އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ އެއްބަސްވުން
  • ހައިޑްރޯގްރަފީ އާ ބެހޭ އެއްބަސްވުން
  • ޑޯނިއޯ މަތިންދާބޯޓާއި ބެހޭ އެއްބަސްވުން

ޝަރީފް ވިދާޅުވީ ސަރުކާރުން އިންޑިއާ އާއި އެކު ހަދާ ބައެއް އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ކަމަށް ގިނަ ރައްޔިތުން އަންނަނީ ބުނަމުން ކަމަށާއި، މީގެ ހަ މަސްދުވަސް ކުރިން ވާނީ އުތުރުތިލަފަޅުގެ އެއްބަސްވުމުގެ އަސްލު 241 ކޮމިޓީއަށް ލިބޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވާފައި ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ އަކީ ޒަމާނުއްސުރެ އެކުވެރި ދެގައުމުކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮންނަ ރަހުމަތްތެރިކަން ހީނަރުވާ ފަދަ ކަންތައްތައް ވުމަކީ ދެ ގައުމުގެ ރައްޔިތުންނަށާއި އިންޑިއާ ކަނޑުގެ ސަލާމަތަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ސަރުކާރާއި އިންޑިއާ އާއި ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ނެތްކަން ކަށަވަރު ކުރުމަށްޓަކައި އެ އެއްބަސްވުންތަކުގެ އަސްލު ހޯއްދަވައި، 241 ކޮމިޓީން އެ އެއްބަސްވުންތައް ދިރާސާކޮށް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ހުރިތޯ ބަލައިދިނުމަށް އެދޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމެއް ކަމަށް ބުނެ، މީގެ ކުރިން ސޯޝަލް މީޑިއާގައި ލިޔެކިއުންތަކެއް ދައުރުވުމާ ގުޅިގެން، އިދިކޮޅު ޕީޕީއެމުން ވަނީ އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާފައެވެ.

އެކަމާ ގުޅިގެން މިދިޔަ މާޗުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ލީކުވެފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނާ ލިޔުންތަކަކީ އަސްލެއް ނޫން ކަމަށާއި، އެއީ ޑްރާފްޓުތަކެއް ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.