ސެޕްޓެމްބަރު 25 ވަނަ ދުވަހަށް ތާވަލު ކޮށްފައި ވާ ދެކުނު އޭޝިއާ ގައުމުތަކުގެ ގުޅިފައި ވާ އިއްތިހާދު (ސާކް) ގެ ހާރިޖީ ވަޒިރުންގެ ބައްދަލުވުން، ޕާކިސްތާނުގެ ދެކޮޅު ހެދުންތަކާ ހެދި ކެންސަލް ކޮށްފިއެވެ.

މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށް ގެންދިއުމަށް ތާވަލު ކުރި ސާކް ހާރިޖީ ވަޒީރުންގެ ބައްދަލުވުން ކެންސަލް ކޮށްފައި ވަނީ، މި ބައްދަލުވުމުގައި އަފްގާނިސްތާނުގެ ގޮނޑިއަށް ހަދާނެ ގޮތަކާ މެދު ޕާކިސްތާނުން ދެބަސްވި ހިސާބުންނެވެ.

އިންތިހާބީ ސަރުކާރެއްގެ ވެރިކަން ވައްޓާލާ، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ކޮންޓްރޯލް ނަގާފައި ވާ އަފްގާނިސްތާނުގެ ގޮނޑި، ހުހަށް ބެހެއްޓުމަށް މެންބަރު ގައުމުތަކުން ނިންމާފައި ވަނިކޮށް، ޕާކިސްތާނުން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

ޕާކިސްތާނުން ވަނީ، އެ ބައްދަލުވުމުގައި އަފްގާނިސްތާނު ތަމްސީލު ކުރުމުގެ ފުރުސަތު ތޯލިބާނުންނަށް ދިނުމަށް ޝަރުތުތަކެއް ކަނޑައަޅަން މަސައްކަތް ކޮށްފައެވެ. ކަން މިހެން އޮތްއިރު، އދގައި އަދިވެސް އަފްގާނިސްތާނު ތަމްސީލު ކުރައްވާނީ، ކުރީގެ ސަރުކާރުން ކަނޑައަޅާފައި ހުންނެވި މަންދޫބު، ގުލާމް އިސްހާގުޒާއީއެވެ. އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާނީ އިސްހާގުޒާއީއެވެ.

ޕާކިސްތާނުގެ ހިޔާލު ތަފާތު ވުމާ ގުޅިގެން، ސާކް ހާރިޖީ ވަޒީރުންގެ "ނުރަސްމީ" ބައްދަލުވުން ކެންސަލް ކުރިކަން، ސާކްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަމުން ދާ ނޭޕާލުން ވަނީ ކަށަވަރު ކޮށްދީފައެވެ.