ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ އިނގިރޭސި މިއުޒިކް ބޭންޑް، ކޯލްޑްޕްލޭއާއި ކޭ-ޕޮޕް ފޭނުންގެ ހިތުގައި ރަސްކަން ކުރަމުން އަންނަ ބީޓީއެސް ގުޅިގެން ކުރި ފުރަތަމަ މަސައްކަތުގެ އޯޑިއޯ ޓީޒާ އާންމު ކޮށްފިއެވެ.

ހުކުރު ދުވަހު ރިލީޒް ކުރަން ހަމަޖެހިފައި ވާ ލަވައިގެ ޓީޒާ އާންމު ކޮށްފައި ވާއިރު، މި ކޮލާބޮރޭޝަންއަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލު ކުރެވެއެވެ.

ކޯލްޑްޕްލޭއާއި ބީޓީއެސް ގުޅިގެން މަސައްކަތެއް ކުރާ ކަން ކަށަވަރު ކޮށްދިނީ މިމަހުގެ ކުރީކޮޅުގައެވެ. އޭރު، އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަތާ އެތައް މަހެއްވެއްޖެއެވެ.

ސީޑީ ސިންގަލްއެއްގެ ގޮތުގައި މި ލަވަ ނެރޭއިރު، ކޯލްޑްޕްލޭއިން ދަނީ، އެ ބޭންޑްގެ އާ އަލްބަމް "މިއުޒިކް އޮފް ސްފިއާޒް"، އަންނަ އޮކްޓޯބަރު މަހު ރިލީޒް ކުރުމަށްވެސް ތައްޔާރު ވަމުންނެވެ.

މިއުޒިކީ ދުނިޔެ ފަތަހަކޮށްފައި ވާ އެންމެ ވަރުގަދަ 2 ބޭންޑްގެ ގުޅިފައި ވާ މަސައްކަތެއް، ސެޕްޓެމްބަރު 24 ވަނަ ދުވަހު އާންމުންނާ ހިސާބަށް އަންނާނެކަން، ބީޓިއެސްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ޒުވާން ބޭންޑް، ބީޓީއެސްއިން ދާދި ފަހުން ވަނީ، މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގައިވެސް ހާއްސަ ހުށަހެޅުމެއް ހުށަހަޅާދީ، މުހިންމު މައްސަލަތަކަކާ ބެހޭ ގޮތުން ތަގުރީރު ކޮށްފައެވެ.

މީގެ އިތުރުން، ބީޓީއެސްއިން ވަނީ، ކޯލްޑްޕްލޭގެ އެންމެ މަގުބޫލު ލަވަތަކުގެ ތެރޭގައި ގުނާލެވޭ "ފިކްސް ޔޫ"، އެމްޓީވީ އަންޕްލަގްޑްގައި ކަވާވެސް ކޮށްފައެވެ.