ދިރިއުޅުމުގެ މައިދާނުގައި ބަދަލުތަކެއް ގެންނާނެ ފުރުސަތުތަކެއް ލިބޭ ކަމަށާ، އެގޮތުން މިވަގުތަކީ ދުނިޔޭގެ މުސްތަގުބަލު އުޖާލާ ކުރުމަށް ލިބިފައި ވާ ފުރުސަތެއް ކަމަށް، އދގެ 76 އާންމު މަޖިލީހުގެ ރައީސް އަދި ދިވެހި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ މެންބަރު ގައުމުތަކުގެ އިސްވެރިންގެ ބަހުސް ސީދާ ގޮތުން ފައްޓަވާ ދެއްވުމުގެ ކުރިން، އާންމު މަޖިލީހުގެ ރައީސް ހައިސިއްޔަތުން އިއްވެވި ބަޔާނުގައި ޝާހިދު ވިދާޅުވީ، އެކަހެރި ކަމާއި ގެއްލުންދެނިވި މަގެއް ހިޔާރު ކުރެވިދާނެ ކަމަށާ، ނަމަވެސް މި ވަގުތަކީ، ދުނިޔެއަށްޓަކާ ދެމެހެއްޓެނިވި މުސްތަގުބަލެއްވެސް ހިޔާރު ކުރެވިދާނެ ވަގުތެއް ކަމަށެވެ.

މި މޭރުމުން ދުނިޔެއަށް މިވަގުތު ކުރިމަތިލާން ޖެހިފައި ވާ މައިގަނޑު 3 މައްސަލައަކަށް ޝާހިދު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއި، މޫސުމީ ނެދޭވެ ބަދަލުތަކުގެ އިތުރުން ހަމަނުޖެހުންތަކާ ހަނގުރާމަތަކުގެ މައްސަލަ، ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ. ކޮވިޑް-19 އިން ދިފާއުވުމަށް އެހީއެއްގެ ގޮތުގައި މިއަދު ވެކްސިން ލިބިފައި ވީ ނަމަވެސް، އެ މަޝްރޫއު ކާމިޔާބު ކުރުމަށް ފެއިލް ވަމުން ދަނީ ސިޔާސީ އެއްބާރުލުން ނުލިބޭތީ ކަމަށާ، މޫސުމީ ނޭދެވޭ ބަދަލުތައް ކުޑަ ކުރާނެ ޓެކްނޮލޮޖީ ލިބިފައި ވީ ހިނދުވެސް، މަދުވަނީ ސިޔާސީ އެއްބާރުލުން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އދ އާންމު މަޖިލީހުގެ 76 ވަނަ ދައުރު ފެށުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ

އެކި ކަހަލަ ހަމަނުޖެހުންތަކުގައި ދުނިޔެ ބެދި، އިންސާނުން ހާސް ކަމުގައި ވަށާލާފައި ވާއިރު، އުއްމީދު ގެނުވަނީ އިންސާނިއްޔަތު ކަމަށް ވެވޭ ބަރޯސާއަކުން ކަންވެސް ޝާހިދުގެ ވާހަކައިގައި ވަނީ އިޝާރާތް ކުރައްވާފައެވެ. އިންސާނިއްޔަތު ކަމުގެ ބާރަކީ، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގެ ދެމި އޮތުމާއިވެސް ގުޅިފައި ވާ ކަމެއް ކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

ޝާހިދު ވަނީ، އދގެ އާންމު މަޖިލީހުގެ މި ދައުރުގެ ރިޔާސަތުގެ ޝިއާރެއްގެ ގޮތުގައި ބޭނުން ކުރައްވާ "އުއްމީދުގެ ރިޔާސަތު"ގެ ޝިއާރު ޕްރޮމޯޓް ކުރައްވާ، އެ އަމާޒުތައް ތަކުރާރު ކުރައްވާފައެވެ.

އުއްމީދުގެ ރިޔާސަތެއްގެ ގޮތުގައި ދައުރު ސިފަކުރައްވަމުން ޝާހިދުގެ ޒައާމަތުގައި ހާސިލު ކުރައްވަން އަމާޒު ހިއްޕަވާފައިވާ 5 ދޯދީގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވީ، މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން ދިފާއު ހޯދުމަށް އެންމެނަށް އިންސާފުން ވެކްސިން ފޯރުކޮށްދެއްވުމަށް ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ހާސިލު ކުރުން ކަމަށް ވާއިރު، 3 ވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ދުނިޔޭގެ ގޮވާލުންތަކަށް ފެހި އަދި ނޫ އުސުލެއްގެ ތެރެއިން އިޖާބަ ދިނުމެވެ.

އިންސާނިއްޔަތުކަމަކީ ހުރިހާ ކަމެއްގެ އަސާސް ކަމުގައި ވާންޖެހޭ ކަން ބަޔާން ކުރައްވާ، ޝާހިދު ވިދާޅުވީ، 4 ވަނަ ކަމެއްގެ ގޮތުގައި އެންމެ އިސްކަމެއް ދެއްވާނީ ހުރިހާ އެންމެންގެ ހައްގުތަކަށް އިހުތިރާމް ކުރެއްވުމަށް ކަމަށެވެ. އަދި މިފަދަ ކަންކަން ހާސިލުކުރުމަށް އދގެ ދައުރު މުހިންމު ވާއިރު، އދގެ ރޫހު އިޔާދަ ކުރުމަކީ، ހާސިލު ކުރައްވަން ބޭނުންވާ 5 ވަނަ އުއްމީދުގެ ދޯދި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އދގެ ހާއްސަ ޕޯޑިއަމްގައި ގައުމުތަކުގެ އެންމެ އިސް ލީޑަރުން ވަކާލާތު ކުރައްވަމުން ގެންދަވާއިރު، މި ވަގުތަކީ ދުނިޔޭގެ 7 ބިލިއަން މީހުން އެދެމުންދާ ބަދަލުތައް ހަގީގަތަކަށް ހަދައި ދޭންވީ ވަގުތަށް ހެދުމަށްވެސް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ހައިސިއްޔަތުން ފުރަތަމަ ފަހަރަށް އިސްވެރިންގެ ބަހުސް ފައްޓަވާ ދެއްވާ ވާހަކަދައްކަވަމުން ޝާހިދު ވަނީ ދިވެހިރާއްޖޭގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުއަށާއި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ. އަދި މި މަގާމުގައި، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގެ މެންބަރަކަށް އޮވެވެނީ، ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތު، މުޅި ދުނިޔެވެސް ބަލައިގަތުމުން ކަމަށް ޝާހިދު ވަނީ ތަކުރާރު ކުރައްވާފައެވެ.