ހއ. ފިއްލަދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ހިމެނުމަށް ގޮވާލާ، ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެޕެޓިޝަނުގައި 467 މީހުން ސޮއިކޮށްފައި ވާއިރު އެ ޕެޓިޝަން ހުށަހެޅީ ފިއްލަދޫގެ ކައުންސިލާ އެ ރަށުގެ މީހުން ގުޅިގެން ކުރިއަށް ގެންދާ "ސޭވް ދައްޕަރު" ކެމްޕޭންގެ ދަށުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ހަވާލުވެވަޑައިގަތީ މިވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އެވެ. އޭގެ އިތުރުން މާދަމާގެ ވަގުތެއްގައި އެ ޕެޓިޝަން ރައީސް އޮފީހަށް ވެސް ހުށަހަޅާނެ ކަމަށް "ސޭވް ދައްޕަރު" ޓީމުން ވަނީ ބުނެފައެވެ.

އެ ޕެޓިޝަންގައި ބުނީ، ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާ އަދި އެ ރަށު އޮފީހަށް ވެސް އާމްދަނީ ލިބޭ ތަނެއް ކަމަށެވެ.

އެކަމަކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާ ގާނޫނުގެ ދަށުން އެ ރަށް ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވުމަށް ފަހު، ރައްޔިތުންނާ އެއްވެސް މަޝްވާރާއެއް ކުރެއްވުމެއް ނެތި، ފަހުން ފިއްލަދޫގެ އިހުތިސާސުން އެ ރަށް ވަކިކޮށްފައި ވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ގިނަ ކަމަށެވެ.

އެޕެޓިޝަންގައި އިތުރަށް ބުނީ އެ ރަށުގެ ރައްޔިތުން ބޭނުންވަނީ ފިއްލަދޫ އިހުތިސާސުގެ ތެރޭގައި ދައްޕަރު އޮވެގެން އެތަން ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބިގެން ދިއުމަށް ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުން މުރާޖައާކޮށްދެއްވާ ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ހިމަނާ ދިނުމަށް ޕެޓިޝަން ވަނީ އެދިފައެވެ.

މިދިޔަ މަހުގެ ތެރޭގައި ރައީސް ސޯލިހް ނެރުއްވި ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ދަށުން 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަަނަ ދުވަހު އެކަށައެޅި ގަރާރަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑަައިގަންނަވާ ކަމަށެވެ.

އެހެން ކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ދައްޕަރު، އެ އިދާރާގެ އިހުތިސާސް އިން ވަކިކޮށްފައިވާ ކަމަށެވެ.