ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އިސްލާމް ޓީޗަރު އަލްއުސްތާޒު ސުއޫދު މުހައްމަދުފުޅު މިއަދު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ސުއޫދު ނިޔާވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސުއޫދަކީ ތައުލީމީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ. އޭނާގެ އާއިލާއަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީގެ އިސްވެރިންނާއި އެންމެހާ މުވައްޒަފުންގެ ނަމުގައި އިހްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށް ވެސް މިނިސްޓްރީންގެ ބަޔާނުގައިވެއެވެ.

ތައުލީމީ ދާއިރާއަށް 22 އަހަރު ހިދުމަތްކޮށްދެއްވާފައިވާ، ސުއޫދު ވަނީ ސީއެޗްއެސްއީގެ އިތުރުން އަމީނިއްޔާ ސްކޫލް އިސްލާމް މުދައްރިސެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. ނިޔާވިއިރު ސުއޫދުގެ އުމުރަކީ 52 އަހަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ސުއޫދު ސީއެޗްއެސްއީއާ ގުޅުނީ މީގެ 19 އަހަރު ކުރިންނެވެ. އަދި އޭނާ ވަނީ އެ ސްކޫލުގެ އިސްލާމް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.

މިނިސްޓްރީން އިތުރަށް އެ ބަޔާކުގައި ބުނެފައިވަނީ ސުއޫދު ނިޔާވުމަކީ ތައުލީމީ ދާއިރާއަށް ލިބިގެންދިޔަ ފުން ހިތާމައެއް ކަމަށެވެ.