ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން ބައެއް ނެންގެވި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވާ ތުހުމަތުތައް ތަހުގީގު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ރައީސް ސޯލިހަށް 35 މިލިއަން ރުފިޔާ ލިބިވަޑައިގަތް ކަމަށް ކުރިން ވެސް ތުހުމަތު ވެފައި ވަނިކޮށް އިއްޔެ އަނެއްކާ ވެސް އެފަދަ ތުހުމަތު ކުރައްވާފައިވާ ކަމަށެވެ.

މި ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެއް އަދި އެމްޑީޕީގެ ޗެއާޕާސަން ކަމާއި ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރެއްވި އަލީ ވަހީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަ ވިދާޅުވި ކަން ފާހަގަ ކުރައްވާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ފުލުހުންގެ ތަހުގީގަށް މުހައްމަދު ހުސައިން (އޮއިއްޓޭ) ދެއްވި ބަޔާނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އަހްމަދު އަދީބު އަތުން ފައިސާ ގެންދެވި ކަމަށް ބުނާ ބައިތައް ސަރުކާރުން ނުފޫޒު ފޯރުވައިގެން ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކާ މެދު މިފަދަ ބޮޑު ތުހުމަތެއް ކުރެވެމުންދާތީވެ މިނިވަން އިންސާފުވެރި ތަހުގީގަކަށް މަގުފަހި ކުރުމަށް ޓަކައި، ތަހުގީގު ނިމެންދެން ރައީސްގެ މަސްއޫލިއްޔަތު ތަކުން ރައީސް ސޯލިހް އެކަހެރި ކުރުމަށް ވެސް އެ މައްސަލާގައި ގޮވާލައްވާފައިވެއެވެ.