އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު އަރުވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާ އަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެން އުޅުއްވަމުން އެތާ ހުންނަ އދގެ މައި މަރުކަޒުގާ ޝާހިދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހު ވަނީ ޝާހިދާ ބައްދަލުކުރައްވައިއދ. ގެ ރައީސަކަށް ޝާހިދު އިންތިހާބުވުމުން މަރުހަބާ ދަންނަވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު/ ފޮޓޯ: ރައީސް އޮފީސް

މިއީ އދ. ގެ ރައީސްގެ މަގާމު ދިވެއްސަކު އަދާކުރައްވާ ފުރަތަމަ ފަހަރު ކަމަށް ވުމުން، ރާއްޖޭގެ ރައީސް ސޯލިހުގެ މި ދަތުރުފުޅު ވެސް ވަނީ ވަކިން ހާއްސަ ވެފައެވެ. ރައީސް ސޯލިހު އެމެރިކާ އަށް މި ފަހަރު ވަޑައިގަތުމުން ރަސްމީކޮށް މަރުހަބާ ދެންނެވީ ވެސް އދ. ގެ ރައީސްގެ ހައިސިއްޔަތުން ޝާހިދެވެ. އަދި ޝާހިދު ވަނީ ރައީސަށް ރަސްމީ ފަރިއްކޮޅެއް ވެސް ދެއްވައިފައެވެ.

ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގަައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޝާހިދު ބޭއްވެވި ބައްދަލުވުމުގައި ވަނީ ޝާހިދުގެ "އުންމީދީ ރިޔާސަތު" ގައިވާ "ފައިވް ރޭސް އޮފް ހޯޕް" ގެ ކަންކަން ހާސިލު ކުރުމުގައި ކާމިޔާބީ އަށް އެދިވަޑައިގެންފައެވެ.

ޝާހިދު ވިދާޅުވިގޮތުގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމު އޭނާ ކާމިޔާބު ކުރެއްވުމުން ރަމްޒު ކޮށްދެނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަލައިގަނެފައިވާ ކަމެވެ.

މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި ޝާހިދު ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އދގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅަކު، އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، އެންމެ ފުރަތަމަ އެ ބޭފުޅެއްގެ އަމިއްލަ ވަޒަނަށް ޒިޔާރަތް ކުރެއްވުމަކީ ޒަމާނުއްސުރެ އޮންނަ އާދައެކެވެ. ނަމަވެސް އެކަމަށްޓަކާ، އެ ގައުމަކުން ރަސްމީ ދައުވަތެއް ބޭނުންވެއެވެ.