ހުޅަނގުގެ ބާރުތަކުން އަފްގާނިސްތާނުގައި ހަނގުރާމަ ކުރި ދުވަސްވަރު، އިނގިރޭސި ފައުޖުތަކަށް، ތަރުޖަމާނުންގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިން އަފްގާނިސްތާނުގެ ރައްޔިތުންތަކެއްގެ މައުލޫމާތު "ލީކުވި" މައްސަލަ، އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ބެން ވޮލަސް، ތަހްގީގު ކުރައްވަން ފައްޓަވައިފިއެވެ.

ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިން އަފްގާނިސްތާން ރައްޔިތުންގެ ތެރެއިން 250 އަށް ވުރެ ގިނަ މީހުން ވަނީ އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކޮށްދޭން އެދިފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ފިލައިގެން އުޅޭ މީހުން ކަމަށް ވާއިރު، އެއީ ކޮން ބައެއްކަން އެނގޭ ފަދަ މައުލޫމާތު، އިނގިރޭސި ދިފާއީ ވުޒާރާގެ އީ-މެއިލްއަކަށް ނަކަލު "ކުރެވިފައި" ވާ ކަމަށް ހަބަރު ލިބެއެވެ.

ދިފާއީ ވުޒާރާގެ އީ-މެއިލް ލިބުނު މީހުންނަށް، އަފްގާން އެހީތެރިންގެ ވަނަވަރުގެ ތެރެއިން ނަމާއި އީ-މެއިލް އެޑްރެސްތައް ލިބެން ހުރިއިރު، ބައެއް މީހުންގެ ފޮޓޯވެސް ލިބިފައި އެބަހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ވަނަވަރު ބަޔާންވެގެންވި އީ-މެއިލް ފޮނުވާފައި ވަނީ، ތަރުޖަމާނުންގެ ތެރެއިން އަފްގާނިސްތާނުގައި މިވަގުތު ތިބި ބައެއް މީހުންނަށް ނުވަތަ އެހެން ގައުމުތަކަށް ދަތުރު ކުރެވިފައިވާ ތަރުޖަމާނުންނަށެވެ. މި އީ-މެއިލް ފޮނުވީ، އަފްގާނިސްތާނުން މީހުން ބަދަލު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ "އަރާޕް" ޓީމުންނެވެ. މި ޓީމަކީ، އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާނުން ނެގީއްސުރެ، ތަރުޖަމަނާނުންނާ ގާތުން ގުޅުން ބާއްވަމުން އައި ޓީމެކެވެ.

އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ވަނީ މިކަމަށްޓަކާ މައާފަށް އެދި، ބަޔާނެއް އާންމު ކޮށްފައެވެ.

އަރާޕް ޓީމުން ބުނީ، ތަރުޖަމާނުން ރައްކާތެރި މަންޒިލްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. ނަމަވެސް ނުރައްކަލެއް އޮތް ކަމަށް ހީވަނަމަ، ތަރުޖަމާނުންނާއި އެމީހުންގެ އާއިލާތަކުން މިހާރު ތިބި ތަންތަން ދޫކޮށް ނުދިއުމަށްވެސް ވަނީ އެދިފައެވެ.

އިނގިރޭސި އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިން 250 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު، އީ-މެއިލްގައި ވާ ކަން ފާހަގަވީވެސް އޭގެ ތެރެއިން އެކަކަށެވެ. އެކަން ފަހުމް ނުވެ ތިބި ބައެއް ތަރުޖަމާނުން ވަނީ "ރިޕްލައި އޯލް" އޮޕްޝަންގެ ތެރެއިން، އެމީހުންގެ ހާލަތު ތަފްސީލުކޮށް ކިޔައިވެސް ދީފައެވެ. ތަރުޖަމާނުންގެ މައުލޫމާތު މިފަދަ ގޮތަކަށް އާންމު ވުމަކީ، އަފްގާނިސްތާނުގައި މިވަގުތު ތިބި ތަރުޖަމާނުންގެ ފުރާނަ، ނުރައްކަލުގެ ތެރެއަށް ވައްޓާލި ކަމެއް ކަމަށް، އެމީހުން ސިފަ ކުރެއެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ދިފާއީ ވަޒީރު ޖޮނީ މާސާ ވަނީ، ތަރުޖަމާނުންނާ މެދު އަމަލު ކުރެވެމުންދާ ގޮތަކީ، އިންތިހާއަށް ލަދުގަންނަން ޖެހޭ ފަދަ ގޮތެއް ކަމަށް ވިދާޅުވެފައެވެ. ހިޔަނި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ދިފާއީ ވަޒީރު ޖޯން ހީލީ ވަނީ، ތަރުޖަމާނުން އިނގިރޭސިވިލާތަށް ބަދަލު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް، އިނގިރޭސިވިލާތުގެ ސަރުކާރަށް ގޮވާލައްވާފައެވެ.

އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ވަނީ، ހިނގާ ދިޔަ ކަންތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، މިކަމުގެ އަސަރު ކުރި އެންމެންގެ ކިބައިން މައާފަށް އެދޭކަމަށް ބުނެފައެވެ. އަދި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދޭނެ ކަން ކަށަވަރު ކުރާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.