މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ މި ޖީލަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލަކަމަށާއި، އެމައްސަލައަކީ ބައިނަލްއަގްވާ މީގޮތުން އެންމެ އިސްކަމެއް ދެވޭ މައްސަލައެއްގެ ގޮތުގައި ދެމި އޮތުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އދގެ މައި އިދާރާގައި މިއަދު ބޭއްވި އދގެ ސެކްރެޓަރީ ޖެނެރަލްގެ "ކްލައިމެޓް މޮމެންޓް"ގައި ވާހަކަ ދައްކަވަމުންނެވެ.
"ކްލައިމެޓް މޮމެންޓް" ބައްދަލުކުރެއްވުމަކީ، އދގެ ސެކްރެޓަރީ ޖެނެރަލްއާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ހާއްސަ ދައުވަތެއް ލިބިވަޑައިގަންނަވާ ދުނިޔޭގެ މަދު ލީޑަރުންކޮޅެއްގެ މެދުގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ފައިސާ ހޯދުން ފަދަ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިޔަށްދިއުމުގައި ހުރި ހުރަސްތައް ހިއްސާކޮށްފައެވެ.
ރައީސް ވަނީ، ޕެރިސް އެގްރިމެންޓުގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ގޮވައިލައްވާފައެވެ. މިގޮތުން، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު އަވަސް މުސްތަގުބަލެއްގައި މަދުނުކޮށްފިނަމަ ޕެރިސް އެގްރިމެންޓްގެ ބޭނުން ނެތިދާނެކަމުގެ ބިރު އެބަ އޮތްކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ކްލައިމެޓް ފައިނޭންސްގެ ދެ ބައިކުޅަ އެއްބައި ނަމަވެސް މިހާރުން މިހާރަށް ބޭނުންކުރަން ފަށަންޖެހިފައިވާކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ގޮވައިލައްވާފައިވާކަން ފާހަގަ ކުރައްވަމުން، މިފަދަ މަޝްރޫއުތަކަކީ އަގުބޮޑު އަދި ނަފާކުޑަ މަޝްރޫއުތަކެއް ކަމަށާއި، އެހެންކަމުން އެފަދަ މަޝްރޫއުތަކަށް ބޭނުންވާ ރައުސުލްމާލު ހަމަޖެއްސުމަކީ ގޮންޖެހުން ބޮޑުކަމެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ، ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމުތަކަށް ގްރީން ކްލައިމެޓް ފަންޑުގެ ތެރެއިން އެހީތެރިވެދޭނެކަމުގެ ޔަގީންކަން، ތަރައްގީވެފައިވާ ގައުމުތަކުން ދިނުމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވާފައެވެ.