ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރޭވިފައިވާ އިންތިޒާމުތައް ހަރުދަނާ ކުރުމަށް އަމާޒުކޮށް ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއެކު ނައިބު ރައީސް ފައިސަލް ނަސީމު މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށް ދީ އެކުދިންނަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސް ފައިސަލް އިއްޔެވެސް މިފަދަ މުހިއްމު އިތުރު ބައްދަލުކުރެއްވުމެއް ކުރިއަށް ގެންދެވި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ކެބިނެޓްގެ ކަމާ ގުޅުން ހުރި ބައެއް މުވައްސަސާތަކުގެ އިސްވެރިންނާއި ވަޒީރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

އަދި މިދިޔަ ހޮނިހިރު ދުވަހު ނައިބު ރައީސް ވަނީ ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވައްޗަށް ޒިޔާރަތް ކުރައްވާ އެ މަރުކަޒުގައި ތިބި ކުދިންނާއި އެ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުޑަކުދިންގެ ހައްގުތަކަށް ދެއްވާ ހާއްސަ ސަމާލުކަން ފާހަގަކުރައްވަމުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުތައް ވުޖޫދަށް ގެނައުމުން ފެށިގެން އެކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދީ އެކުދިންގެ ކަންކަން ގާތުން ބަލައިގެން ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާއްސަ އިސްކަމެއް ދެއްވާ ކަމުގައި ނައިބު ރައީސްގެ ވާހަކައިގާ ވަނީ ފާހަގަކުރައްވާފައެވެ.

އަދި ކޮންމެ ކުއްޖަކީވެސް ރަނގަޅު ކުއްޖެއް ގޮތުގައި މުޖުތަމައަށް ނެރެވޭ ކުއްޖަކަށް ހެދުމަށް ސަރުކާރުން އިސްކަންދެއްވާ ކަމުގައި އެ ނައިބު ރައީސްގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.