މިއަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމާއެކު މުބާރާތުގެ ނަމަކަށް ދެން ކިޔާނީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021"އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

ފުޓުބޯޅައަކީ އަޅުގަނޑުމެން ދިވެހިންގެ ލެޔާއި ގުޅިފައިވާ ކުޅިވަރެއް. ހަމަ އެހެންމެ އުރީދޫއާއިވެސް ވަރަށް ގާތް ކުޅިވަރެއް. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވުމީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ފަޚުރުވެރިވާކަމެއް. ގައުމީ ފޯރީގައި ބައިވެރިވެ، ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި، ފޯރި އާއިއެކު ކުލަގަދަކޮށް މި މުބާރާތް ގެންދިޔުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް އަޅުގަނޑުމެން މިތިބީ އަތުކުރި އޮޅާލައގެން."
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސެން ނިޔާޒަ.

ވޭތުވެދިޔަ ދެ ފަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސުޒުކީއެވެ. އެއީ 2015 އަދި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގައެވެ. ސުޒުކީ އާއެކު ވެފައިވާ އެއްބަސްވުން މިހާރު ވަނީ ހަމަވެފައެވެ. މިއީ އޭގެފަހުން ޓައިޓަލް ސްޕޮންސަރެއް ނެގި ފުރަތަމަ ކުންފުންޏެވެ.

މުބާރާތް ފެށެން ކުޑަތަންވެފައި ވާއިރު މިއަހަރުގެ މުބާރާތުގެ ތީމް އެއްގެ ގޮތުގައި ހަމަޖަައްސާފައިވަނީ "މަގޭ މަހަލްދީބް" އެވެ. މި ނަމުގައި ޕްރޮމޯޝަންގެ ހަރަކާތްތައް ބާއްވާއިރު ސްލޯގަންގެ ގޮތުގައި ބޭނުންކުރާނީ "ތިންވަނަ ފަހަރު، މީ އެ ފަހަރު" އެވެ.

މީގެ ކުރިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޕާޓްނަރުންގެ ގޮތުގައި ދިރާގާއި އެސްޓީއޯ އަދި އެލައިޑް އިންޝުއަރެންސްއާއެކު ވަނީ ސޮއިވެސް ކޮށްފައެވެ.

ލީގު އުސޫލުން ޖުމްލަ 5 ގައުމެއް މި މުބާރާތުގައި ވާދަކުރާއިރު ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ގެ ރޭގަނޑު ބައްދަލުކުރާނީ ނޭޕާލް އާއެވެ.