އދގެ އިދާރާތަކަކީ "ދަތެއް ނެތް" އިދާރާތަކެއް ކަމަށާ، ނަމަވެސް ސަލާމަތީ މަޖިލީސް ފަދަ "ދަތް ހުރި" އިދާރާތަކަކީ އެއްޗެއް ކާލުމުގެ މާ ބޮޑު ޝައުގެއް އޮތް ބައެއް ނޫން ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

އދގެ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، ޔޫއެން ނިއުސްއަށް ދެއްވި ހާއް ބަސްދީގަތުމެއްގައި ގުޓެރޭޒް ވަނީ ދުނިޔޭގެ ލީޑަރުންނަށް ވަރުގަދަ މެސެޖުތަކެއް ދެއްވާފައެވެ.

މި މޭރުމުން ބަސްދީގަތުން ކުރިއަށް ގެންދަވަމުން ގުޓެރޭޒް ވަނީ ދުނިޔޭގެ ލީޑަރުން ހޭފުޅުލައްވަން ވެއްޖެ ކަމަށާ، އަމިއްލަ ވަޒަނާއި ހާރިޖީ މަސްރަހުގައިވެސް އިސްލާހުގެ މަގުން ކަންކަން ހިންގުމަށް ސަމާލުވެވަޑައިގަތުމަށް ލީޑަރުންނަށް ގޮވާލައްވާފައެވެ. އަދި ގައުމުތަކުގެ ލީޑަރުން އެއްބައިވެވަޑައިގަތުމަށްވެސް ގުޓެރޭޒް ވަނީ ގޮވާލައްވާފައެވެ.

ދުނިޔޭގެ އަދުގެ ހާލަތު ސިފަ ކުރައްވަމުން ގުޓެރޭޒް ވިދާޅުވީ، ވައިރަހެއް އަޅާ މުޅި ދުނިޔެ "ބަލިކޮށްފި" ކަމަށާ، ވައިރަހާ ދެކޮޅަށް، އެކަތިގަނޑެއްގެ ގޮތުގައި ވެކްސިން ކެމްޕޭނެއް ފެށުމަށް ދުނިޔެ ފެއިލްވެފައި ވާ ކަމަށް އިޝާރާތް ކުރައްވާފައެވެ. އަދުގެ ކަންކަން ހަމަޖެހިފައި އޮތް ގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އޮތީ، ހާލަތާ ބެހޭ މައުލޫމާތު އެއްކުރުމުގެ ބާރުވެސް ނެތި ކަން ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ބަލީގެ އަސްލު ދެނެގަތުމުގެ ދިރާސާއެއް ހިންގާނެ ބާރުވެސް އެ އިދާރާގައި ނެތް ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

މޫސުމީ ހާލަތަށް ބެލިއަސް ހާލަތު އޮތީ އެއް ގޮތަކަށް ކަމަށް ގުޓެރޭޒް ވިދާލުވިއެވެ. ސައެންސްވެރިން ލަފާ ކުރާ މިންގަނޑުތަކުގައި ދުނިޔޭގެ ފިނިހޫނުމިން ހިފެހެއްޓުމަށް ފެއިލްވަމުން ދަނީ، ގައުމުތަކުން އެއްބާރުލުން ނުދޭތީ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކާއި ތަރައްގީ ވެފައި ވާ ގައުމުތަކާ ދެމެދު އިތުބާރުގެ މައްސަލަ ބޮޑުވެފައި ވާ ކަންވެސް ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދު ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު މައްސަލައަކީ އިތުބާރު ނެތުމުގެ މައްސަލަ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ބޮޑެތި ބާރުތަކުގެ މެދުގައި މިކަން އޮތް ކަން، ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ. އެހެން ކަމުން ދުނިޔެއަށް ނުފޫޒު ފޯރުވެނިވި މަގާމުތަކުގައި އޮތް ގައުމުތަކުން މި އިތުބާރު އަލުން އާލާ ކުރަނ ްޖެހޭ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

ކުރިއަށް އޮތީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބަހުސް ކަމަށް ވާއިރު، މިއީ އިންޒާރުގެ ރަނގަބީލު ޖަހަންވީ ވަގުތު ކަމަށާ، މިވަގުތު ކަންކަން މިސްރާބު ޖަހާފައި ވަނީ ނުރަނގަޅު މަގަކުން ކަންވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.

ހަފުތާއެއްގެ މުއްދަތަށް ދެމިގެންދާ އިސްވެރިންގެ އާންމު ބަހުސް ފަށަން ތާވަލު ކޮށްފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހަށެވެ. ކޮންމެ ދުވަހަކުވެސް 2 ދަންފަޅިއަކަށް ބަހާލައިގެން، ހައިބްރިޑް އުސޫލުން ކުރިއަށް ގެންދާ ޖެނެރަލް ޑިބޭޓް ނުވަތަ އިސްވެރިންގެ ބަހުސްގައި ރާއްޖެ ތާވަލު ކޮށްފައި ވަނީ ފުރަތަމަ ދުވަހުގެ ފުރަތަމަ ދަންފަޅިއަށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވާނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުއެވެ. އެމެރިކާގެ ނިއުޔޯކް ސިޓީގެ ގަޑިން ހެނދުނު 09:00 ގައި ފަށާ މި ދަންފަޅީގައި ދިވެހިރާއްޖެއަށް ލިބިފައި ވަނީ ޕޯޑިއަމްގެ 3 ވަނަ މަގާމެވެ.