އިގުތިސޯދީ ކުއްލި ނުރައްކަ އިއުލާން ކޮށްފައި ވާ އަވަށްޓެރި ސްރީލަންކާގައި އިމްޕޯޓް ކޮށްގެން ވިއްކާ ހިކި ކިރުގެ އުފެއްދުންތަކުގެ އަގު އުފުލައި ދިނުމަށް، މި ވިޔަފާރީގައި ހަރަކާތްތެރި ވާ ފަރާތްތަކުން އެ ގައުމުގެ ސަރުކާރަށް ހުށަހަޅައިފިއެވެ.

ސްރީލަންކާއަށް ހިކި ކިރު އިމްޕޯޓް ކުރާ ފަރާތްތަކުން ވަނީ ހިކި ކިރު ކިލޯއަކުން 350 ރުޕީޒް ބޮޑު ކޮށްދިނުމަށް ސަރުކާރުގައި އެދިފައެވެ. ނަމަވެސް އެއްބަސްވުމަކަށް އާދެވިފައި ވަނީ ކިލޯއަކުން 200 ރުޕީޒް ބޮޑު ކުރުމަށެވެ.

ނަމަވެސް، ސްރީލަންކާގެ ސްޓޭޓް މިނިސްޓާ އޮފް ކޯޕަރޭޓިވް ސާވިސަސް، މަކެޓިންގް ޑިވަލޮޕމްނަޓް އެންޑް ކޮންޒިއުމާ ޕްރޮޓެކްޝަން، ލަސަންތާ އަލަގިޔަވަންނާ ވަނީ، މި ކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ، ދިރިއުޅުމުގެ ހަރަދުތަކާ ބެހޭ ކޮމިޓީއިން ކަމަށް ވިދާޅުވެފައެވެ.

އިމްޕޯޓް ކޮށްގެން ސްރީލަންކާގައި ހިކި ކިރުގެ އުފެއްދުންތައް ވިއްކާ ފަރާތްތަކުން މީގެ ކުރިންވެސް ވަނީ މުދާ ވިއްކާ އަގު އުފުލުމުގެ ހުއްދައަކަށް އެދިފައެވެ. ސަބަބެއް ކަމުގައި ބުނަނީ ދުނިޔޭގެ ބާޒާރުގައި ހިކި ކިރުގެ އަގު ބޮޑުވުމާއި، ޝިޕިންގްއަށް ކުރަން ޖެހޭ ހޭދަ އިތުރުވުމުގެ އިތުރުން، އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު، ލަންކާ ރުޕީޒްގެ އަގު ވެއްޓުމެވެ.

ސްރީލަންކާގައި ހިކި ކިރުގެ އުފެއްދުންތައް އިމްޕޯޓް ކުރާ ފަރާތްތަކުން ވަނީ 400 ގުރާމްގެ ޕެކެޓަކުން 78 ރުޕީޒް ބޮޑު ކޮށްދިނުމަށްވެސް އެދިފައެވެ.

ލަންކާގެ ބާޒާރުތަކުގެ މިހާރުގެ އަގުތަކަށް ބަލާއިރު 1 ކިލޯގްރާމްގެ ހިކި ކިރު ޕެކެޓެއް ލިބެންހުރީ 945 ރުޕީޒްއަށް ކަމަށް ވާއިރު، 400 ގުރާމްގެ ޕެކެޓެއްގެ އަގު އުޅެނީ 380 ރުޕީޒްގައެވެ.