ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން 1099 މީހަކު ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ތެރެއިން 1099 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. އިއްޔެ ޖުމްލަ 1392 މީހަކު ވެކްސިން ޖަހާފައި ވާއިރު، އޭގެތެރެއިން ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 293 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެހެންކަމުން މި އަދަދާ އެކު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު މި ވަނީ 390965 އަށް އަރާފައެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު މި ވަނީ 331،405 އަށް އަރާފައެވެ.

އިއްޔެ މާލެއާ އަތޮޅުތެރޭގައި ވެސް ވަނީ ވެކްސިން ޖަހާފައެވެ. މާލެއިން ވެކްސިން ޖެހި މީހުންގެ ތަފްސީލަށް ބަލާލާ އިރު، ފުރތަމަ ޑޯޒް ޖަހާފައި ވަނީ، 54 މީހުންނެވެ. އަދި ދެވަނަ ޑޮޒް މާލެއިން ޖަހާފައި ވަނީ 113 މީހުންނެވެ.

ކޮވިޑް ވެކްސިން ޖަހަން ސޯޝަލް ސެންޓަރަށް ގޮސް ތިބި މީހުން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ ތަފްސީލަށް ބަލާއިރު، ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 239 މީހުންނެވބެ. އަދި އަތޮޅުތެރެއިން ދެވަނަ ޑޮޒް ޖަހާފައި ވަނީ 986 މީހުންނެވެ.

ވެކްސިން ޖެހުމުގައި މިހާރު އަތޮޅުތެރެއިން ވެކްސިން ޖަހާ މީހުން ގިނަ ކަން ފާހަގަ ކުރެވެއެވެ. އެޗްޕީއޭއިން ވަނީ އަތޮޅުތެރޭގެ ރަށްރަށުގެ އާބާދީއަށް ބެލުމަށް ފަހު ވެކްސިން ޖެހޭ އާބާދީއަށް ބެލުމަށް ފަހު އެރަށްރަށަށް ޕީސީއާރް ޓެސްޓު ހެދުމަކާ ނުލާ ދަތުރުކުރެވޭނެ ގޮތަށް ލުއިތައް ދީފައެވެ. އެހެން ކަމުން ހުިރހާ ރަށަކުންވެސް މަސައްކަތް ކުރަނީ އެ ލިސްތުގައި ހިމެނި ރަށްރަށަށް ފަސޭހައިން މީހުންނަށް ދަތުރު ކުރެވޭ ގޮތަށް ހަމަޖެއްސުމަށެވެ.

ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި ދަރިވަރުންތަކެއް ވެކްސިން ކާޑާ އެކު ފޮތޯއަކަށް ހުއްޓިލައިގެން

މިހާރު ރާއްޖޭގައި ވެކްސިން ޖެހޭ އާާބާދީގެ 94.5 ޕަސެންޓް ވެކްސިން ފުރިހަމަކޮށް، ވެކްސިން ފުރިހަމަ ކުރި ނިސްބަތުން ދިވެހިރާއްޖެ އޮތީ ދުނިޔޭގެ ދެ ވަނައިގައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރު އަންނަނީ ފައިޒާ ވެކްސިން ޖަހައިދެމުންނެވެ

މާލެ ސަރަހައްދުގައި 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށް ގެންދާއިރު، ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ޖަހައި ދެމުންނެވެ.