އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ތަފާތު އެކި ކަހަލަ އެއްޗިހި، ރަމްޒެއްގެ ގޮތުގައި ބޭނުން ކުރާތީ ފެނެއެވެ. އެގޮތުން، ފަލަސްތީނު ހަރަކާތުގެ ރަމްޒެއްގެ ގޮތުގައި "ކަރާ" ބޭނުން ކުރާ ގޮތުގެ ވާހަކަ، މީގެ ކުރިން ދަ ޕްރެސްއިން ވާނީ ގެނެސްދީފައެވެ. މި ފަހަރުވެސް އެފަދަ ކަމެކެވެ. ނަމަވެސް މި ފަހަރުގެ ރަމްޒަކަށް ވީ ގެވެހި ކަންވާރުގެ ތެރެއިން އެންމެ އާންމު ކޮށް ބޭނުން ކުރާ އެކަތި ކަމަށް ވާ ސަމުސަލެވެ.

ފަލަސްތީނުގެ އެކި ހިސާބުތަކަށް ބަލާލުމުން، ފަލަސްތީނުގެ ދިދައާއި އެނޫންވެސް ރޫހު ދިރުވަނިވި ބެނާތަކާއެކު ސަމުސާ ކުރަހާފައި ހުންނާތީ މިހާރު ދަނީ ފެންނަމުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ދޯސްތުގެ ގޮތުގައި އޮތް އިޒްރޭލުން ފޯރިމަރަކުން ދިޔަ ޖަލަކުން، ފަލަސްތީނުގެ ރައްޔިތުންތަކެއް މިނިވަންކަން ހޯދީ، ސަމުސާ ބޭނުން ކޮށްގެން ކަމުގައި ވީތީއެވެ.

ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތުގެ ރަމްޒެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ސަމުސާ ދައްކުވާދޭ ފާރު ކުރެހުމެއް / ފޮޓޯ: މަހްމޫދު ހަމްސް

ހައި-ސެކިއުރިޓީ ޖަލެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން ދިޔަ ގިލްބޯއާ ޖަލުން، ފަލަސްތީނުގެ 6 ރައްޔިތުން ނިކުތީ ސެޕްޓެމްބަރު 6، 2021 ވަނަ ދުވަހުއެވެ. 6 ގައިދީން މިނިވަންވުމަށް، ސަމުސާ ބޭނުން ކޮށްގެން ކޮނުނު ވަޅުގަނޑުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އިޒްރޭލުން މިހާރު ވަނީ މި 6 މީހުންވެސް އަނެއްކާ ހައްޔަރު ކޮށްފައެވެ.

6 ގައިދީންގެ ތެރޭގައި ހިމެނޭ މަހްމޫދު އަބްދުﷲ އަލް-އަރްދާގެ ވަކީލު ކިޔައިދިން ގޮތުގައި، ގިލްބޯއާ ޖަލުން މިނިވަން ވުމަށް އޭނާގެ ކްލަޔަންޓް ވަނީ ސަމުސަލުގެ އިތުރުން ތައްޓާއި، ސައިކުރައެއްގެ އަތްގަނޑުވެސް ބޭނުން ކޮށްފައެވެ. ވަކީލު، ރުސްލާން މަހާޖަނީހް ބުނި ގޮތުގައި، ޖަލުން މިނިވަން ވުމަށްޓަކާ އަލް-އަރްދާ، ވަޅުގަނޑު ކޮންނަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އިޒްރޭލުގެ ޖަލުން ފަލަސްތީނުގެ 6 ގައިދީއަކު މިނިވަންވީ ސަމުސާ ބޭނުން ކޮށްގެން. މިއަދު ސަމުސަލަކީ ފަލަސްތީނު މިނިވަން ކަމުގެ ރަމްޒެއް / ފޮޓޯ: ސާއިދު ހަތީބު

އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރިގެ ސީޓީއެއް ކަމަށް ވާ ތުލްކަރީމްގައި 1996 ވަނަ އަހަރުވެސް ވަނީ މިފަދަ ކަމެއް ހިނގާފައެވެ. ނަމަވެސް އެފަހަރު ބޭނުން ކުރީ ގެވެހި ކަންވާރެއް ނޫނެވެ. ގައްސާން މަހްދާވީ، އިޒްރޭލުގެ ތޭރިތަކުން މިނިވަންވާން އެ ފަހަރު ބޭނުން ކުރީ މޮހޮރެވެ.

"އިޒްރޭލުގެ ޖަލަކުން މިނިވަން ވުމަކީ ކޮންމެ ގައިދީއަކުވެސް ވިސްނާ ކަމެއް. ސަމުސަލެއް ބޭނުން ކޮށްގެން މިފަދަ ކަމެއް ކުރުމަކީ ތާރީހުގައި ލިޔެވިގެންދާނެ ކަމެއް" މަހްދާވީ، އޭނާގެ ޝުއޫރު ފާޅު ކުރަމުން ބުނެފައި ވެއެވެ.

ފަލަސްތީނު ގައިދީންގެ ހައްގުގައި ކުރާ މުޒާހަރާތަކުގައިވެސް މިހާރު ބޭނުން ކުރަނީ ސަމުސާ / ފޮޓޯ: ޖައުފަރު އަޝްތިޔާ

އިޒްރޭލުގެ ޖަލުތަކުގައި އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ގައިދީންނަށް ތާއީދުކޮށް، ކުރިއަށް ގެންދާ މުޒާހަރާތަކުންވެސް މިހާރު ފެންނަނީ ސަމުސަލެވެ. ފަލަސްތީނުގެ މަދަނީ ފަރުދުންގެ ހަމަލާތަކުން ދިފާއުވުމުގެ ނަމުގައި އެންމެ ވަރުގަދަ، ޒަމާނީ ފެންވަރުގެ "އަޔަން ޑޯމް" ޖަހައިގެން އޮތް އިޒްރޭލުގެ ސަލާމަތީ ފިޔަވަޅުތަކަށް މީ ހަމަ ޔަގީނުންވެސް ލިބޭނެ ހިތި ކަމެކެވެ.

ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތުގެ ރަމްޒެއްގެ ގޮތުގައި މިހާރު ސަމުސާ ބޭނުން ކުރަމުން އަންނައިރު، ކުވައިތުގެ ފަންނުވެރި އަކު ހުނަރު ދައްކާލަނީ / ފޮޓޯ: ޔާސިރު އަލް-ޒަޔާތު

ފަންނުވެރިންގެ ހިޔާލުތައް ކުލަތަކުން ބަންޑުން ކުރަމުންދާއިރު، އެ މަންޒަރުތަކުންވެސް ސަމުސާ ސިފަވެއެވެ. ސަމުސަލަކީ، އިޒްރޭލުގެ އަނިޔާވެރިކަމުގައި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަމުން ދާ ގައިދީންނާވެސް ގުޅުވާލެވިދާނެ ކަންވާރެކެވެ. ޖަލު ގާޑުންގެ 40 މީހަކާ، ފޯރިމަރަން ހާއްސަކޮށްފައިވާ 3 ޓަވަރާއި، 2 ފާރާއި، ނަރުދަލުގެ 2 ދެފެންސްގެ އިތުރު ފާރަވެރި ކުއްތާ ބައިގަނޑެއްގެ ކިބައިން ގައިދީން މިނިވަންކަން ހޯދާ، ފަލަސްތީނު ފަހްރުވެރި ކުރުވި ކުރުވުން، ފަލަސްތީނުގެ ރައްޔިތުން ކިތަންމެ ރަނގަޅަކަށްވެސް ބަލައިގެންފިއެވެ.

ފަލަސްތީނު ގައިދީންގެ ހައްގުގައި ކުރާ މުޒާހަރާތަކުގައިވެސް މިހާރު ބޭނުން ކުރަނީ ސަމުސާ / ފޮޓޯ: އަހުމަރު ގްރާބީލް

ދުނިޔޭގެ އެކި ކަންކޮޅުތަކުން، ފަލަސްތީނުގެ މިނިވަންކަމަށް ތާއީދު ކުރާ މީހުން ދަނީ ސަމުސާ ބޭނުން ކޮށްގެން، ފަލަސްތީނާއެކުގައި އެމީހުން ތިބިކަން، އެކި ގޮތް ގޮތުން އަންގައިދެމުންނެވެ.