ދުނިޔޭގެ އެންމެ ވަރުގަދަ ބާރުތަކުގެ ތެރޭގައި ގުނާލެވޭ އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ބައިވެރިންވެގެން ދާދި ފަހުން އެކުލަވާލި ދިފާއާ ބެހޭ ސަލާމަތީ އެއްބަސްވުމާ ގުޅިގެން، އެމެރިކާއާއި އޮސްޓްރޭލިއާއިން ހަދަމުން ދަނީ ދޮގު ކަމަށް، ފަރަންސޭސިވިލާތުން ތުހުމަތު ކޮށްފިއެވެ.

ޗައިނާއާ ކުރިމަތިލުމަށް އެއްބަސްވުމަކަށް އައިސް 3 ގައުމު ބައިވެރިވެގެން އެކުލަވާލި "އޯކުސް" އެއްބަސްވުމުގެ މައްސަލާގައި ފަރަންސޭސިވިލާތުން ވަނީ އެމެރިކާއާއި އޮސްޓްރޭލިއާގައި ތިއްބަވާ އެ ގައުމުގެ ސަފީރުން އަނބުރާ ގައުމަށް ގެންދެވުމަށްވެސް ނިންމާފައެވެ.

އެއްބަސްވުމާ ގުޅިގެން އޮސްޓްރޭލިއާއިން ދޮގު ހަދާ ކަމަށް ފަރަންސޭސިވިލާތުން ކުރާ ތުހުމަތު، ތަފްސީލުކޮށްދީފައެއް ނުވެއެވެ.

މި އެއްބަސްވުމަކީ ނިއުކްލިއާ ސަބްމެރީން އުފެއްދުމުގެ ބާރާއި ޓެކްނޮލޮޖީ، އޮސްޓްރޭލިއާއަށް ދޭ އެއްބަސްވުމަކަށް ވާ އިރު، އޮސްޓްރޭލިއާއާއި ފަރަންސޭސިވިލާތާ ދެމެދު ސޮއިކޮށްފައި ވާ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި އެއްބަސްވުމެއްގެ މަސައްކަތް ހުއްޓުމަކަށް ވަނީ އައިސްފައެވެ.

12 ސަބްމެރީންއެއް ތަރައްގީ ކުރުމަށް ފަރަންސޭސިވިލާތާއި އޮސްޓްރޭލިއާއާ ދެމެދު، 37 ބިލިއަން ޑޮލަރުގެ އަގު ހުރި އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ.

މައިގަނޑު ގޮތެއްގައި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާއާ ކުރިމަތިލުމަށް އެކުލަވާލި އިއްތިހާދީ އެއްބަސްވުމުގެ މައުލޫމާތު، ފަރަންސޭސިވިލާތާ ހިއްސާ ކޮށްފައި ވަނީ، އެ އެއްބަސްވުމުގެ ކަންކަން އާންމު ކޮށް އިއުލާން ކުރުމުގެ މަދު ގަޑިއިރުކޮޅެއްގެ ކުރިންނެވެ.

ޗައިނާއިން ސިފަކުރާ ގޮތުގައި 3 ގައުމަކީވެސް، "ފިނި ހަނގުރާމައިގެ ފިކުރު" ގެންގުޅޭ 3 ގައުމެވެ.

ފަރަންސޭސިވިލާތުން ބުނީ، މިއީ އެ ގައުމާއި އެމެރިކާގެ ތާރީހުގައިވެސް، ސިޔާސީ ކަމެއްގައި، ސަފީރުން އަނބުރާ ގެނެސް، މަޝްވަރާ ކުރަންޖެހުނު ފުރަތަމަ ފަހަރު ކަމަށާ، މިކަމުންވެސް، މިއީ "ސީރިއަސް ކާރިސާ"އެއްކަން އަންގައިދޭ ކަމަށެވެ.

3 ގައުމު ބައިވެރިވި އެއްބަސްވުމާ ގުޅިގެން، ފަރަންސޭސިވިލާތުން، އިނގިރޭސި ސަފީރު ހާޒިރު ކޮށްފައި ނުވާއިރު، އެކަމުގެ ބޭނުމެއް ނެތް ކަމަށް ފަރަންސޭސިވިލާތުން ބުނެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު، ނިއުކްލިއާ ސަބްމެރީންގެ ބާރުވެރިކަން ލިބިފައި ވަނީ 6 ގައުމަކަށެވެ. އެއީ އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި އިންޑިއާއެވެ. އެމެރިކާގައި 68 ނިއުކްލިއާ ސަބްމެރީން އޮންނައިރު، އިންޑިއާގައި އޮންނަނީ 1 ސަބްމެރީންއެވެ. އިންޑިއާގެ ނިއުކްލިއާ ސަބްމެރީންއަކީ ނިއުކްލިއާ ހަކަތައިން އޮޕަރޭޓް ކުރާ ބެލިސްޓިކް މިސައިލް ސަބްމެރީންއެކެވެ.