އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ހުރިހާ އެސެޓެއް ރާއްޖޭގެ އަމިއްލަ ކޮލެޖެއް ކަމަށްވާ، އެވިޑް ކޮލެޖުން ގަނެ ފްލައިން ސްކޫލެއް ހިންގަންވި އެއްބަސްވުން ބާތިލް ކޮށްފިއެވެ.

އޭއޭއޭގެ ހާލަތު ބޮއްސުންލައިގެން ދިއުމުން، އެ ތަނުގެ ހިންގުމާ މިދިޔަ ޖޫން މަހު ވަނީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑް ކޮލެޖުން ހަވާލުކޮށްފައެވެ.

އެއްބަސްވުން އުވާލީ ފްލައިން ސްކޫލްގެ މައްސަލައާއި ގުޅުންހުރި ބައެއް މުއައްސަސާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރިއަށް ދެވޭނެ ކަމަށް ގަބޫލުނުކުރާތީ އާއި ތަމްރީނުތަކަށް ސިވިލް އޭވިއޭޝަނުން އެވިޑަށް ލައިސަންސް ދޫކޮށްފައި ނުވާތީ، ކިޔެވުން ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވާތީއެވެ. އޭގެ އިތުރުން، ފްލައިން ސްކޫލު ހިންގަން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭއޭއޭ އަށް ކުއްޔަށް ދީފައިވާ މުއްދަތު ވެސް ވަނީ ހަމަވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭއޭއޭ އާ އެކު ހެދި އެއްބަސްވުން ބާތިލް ކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެވިޑްގެ އަމިއްލަ ފްލައިން ސްކޫލެއް ފަށަން ރާއްޖޭން ބޭރު ފްލައިން ސްކޫލްތަކާ ވަނީ މަޝްވަރާކޮށްފައެެވެ.