އދ. އާއްމު މަޖިލީހުގެ ރައީސްގެ ކޮޓަރީގެ ބޭރުގައި އދގެ ދިދައިގެ އިތުރުން ދިވެހި ރާއްޖޭގެ ދިދަ ބަހައްޓައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިމަހު 14 ވަނަ ދުވަހު، ޝާހިދު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، އޯޕީޖީއޭ (އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ދަ ޖެނެރަލް އެސެމްބްލީ)ގެ ބޭރުގައި ހުރި ތުރުކީވިލާތުގެ ދިދަ ނަގާ، އެތަނުގައި ދިވެހިރާއްޖޭގެ ދިދަ ބަހައްޓާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގެ ދިދަ، އދގެ އާއްމު މަޖިލީހުގެ އޮފީހުގެ ބޭރުގައި ބަހައްޓައިދިނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސްޓާފް ސާޖަންޓް އާހިދު އަހުމަދު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އާއްމު މަޖިލީހުގެ ރައީސްގެ ކޮޓަރީގެ ބޭރުގައި އދގެ ދިދައިގެ އިތުރުން ބަހައްޓާފައި ހުންނާނީ އާއްމު މަޖިލީހުގެ ރައީސް ތަމްސީލް ކުރާ ޤައުމެއްގެ ދިދައެވެ.

ކޮންމެ އަހަރަކުވެސް އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވާ ފަރާތް މަގާމުގެ ހުވާކުރުމަށްފަހު އޮފީހަށް ވަޑައިގަތުމުން، ރަމްޒީ ގޮތުން ދިދަ ބަދަލުކުރުމުގެ ރަސްމިއްޔާތެއް އޮންނަ ކަމަށް މިނިސްޓްރީން ބުނެއެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރު ޝާހިދު އިންތިހާބުވެ ވަޑައިިގެންނެވީ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގައެވެ.

އެއިންތިހާބުގައި މިނިސްޓަރު ޝާހިދު އާ ވާދަކުރެއްވީ އަފްގާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާއެވެ. އެގޮތުން ޝާހިދަށް 143 ވޯޓު ލިބިވަޑައިގެންނެވިއިރު ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ.