މި މަހުގެ 15 ގެ ނިޔަލަށް ރާއްޖެއަށް 810،000 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ 15 ގެ ނިޔަލަށް 817،387 ފަތުުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 31.4 ޕަސެންޓުގެ ވެއްޓުމެކެވެ. ނަމަވެސް މިދިޔަ އަހަރަށް ވުރެ 106.1 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން އެވަރެޖްކޮށް ދުވާލަކު 3،168 ފަތުރުވެރިން ރާއްޖެ އަންނަ އިރު، ކޮންމެ ފަތުރުވެރިއަކުވެސް އެވަރެޖްކޮށް ނުވަ ދުވަސް ރާއްޖޭގައި ހޭދަ ކުރެއެވެ.

މި ސެޕްޓެމްބަރު މަސް ދެބައިވި އިރު، މި މަހުގެ މިހާތަނަށް 61،421 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި 57،079 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 4،458 ފަތުރުވެރިންނެވެ. އެހެންކަމުން މިދިޔަ ދެ އަހަރާ އަޅާ ބަލާއިރު، ސެޕްޓެމްބަރު މަހުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ކުރިއެރުމެއް ލިބިފައެވެ.

މިއާއެކު މިއަހަރު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ދުވާލަކު އެވަރެޖްކޮށް ފަތުރުވެރިން އައި މަހަކަށް ސެޕްޓެމްބަރު ވަނީ ވެފައެވެ. އެގޮތުން 4،095 ފަތުރުވެރިން މި މަހު ދުވާލަކު އެވަރެޖްކޮށް ރާއްޖެއަށް އާދެއެވެ.

ސަރުކާރުން ކުރިން އަމާޒުކޮށްފައި އޮތީ މިއަހަރު ނިމުގެ ކުރިން 1.5 ފަތުރުވެރިން ގެންނަން ކަމަށް ވިޔަސް މިހާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް، ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.