މި އަހަރުގެ ފަހުކޮޅު، ސްކޮޓްލަންޑްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުން (ކޮޕް26) މިހާރު އޮތީ ފެއިލްވުމުގެ ނުރައްކަލުގެ ތެރޭގައި ކަމުގެ އިންޒާރު، އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭޒް ދެއްވައިފިއެވެ.

ކޮޕް26 ފެއިލްވުމުގެ ނުރައްކަލަށް ވެއްޓިފައި ވަނީ، ތަރައްގީ ވެފައި ވާ ގައުމުތަކާއި ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ މެދުގައި އިތުބާރު ކުޑަވެގެން ކަމަށާ، ކުރިއަރަމުން އަންނަ ބައެއް އިގުތިސޯދުތަކުން، އެކަށީގެންވާ އަމާޒުތަކެއް ކަނޑައަޅާފައި ނެތުމީވެސް ބައްދަލުވުން ފެއިލްވުމުގެ ނުރައްކާ ކުރިމަތިކުރާ ސަބަބެއް ކަމަށް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.

އދގެ ކޮޕް26 ބައްދަލުވުމަކީ މޫސުމީ ނެދެވޭ ބަދަލުތަކާ ދެކޮޅަށް ވަރުގަދަ އަމާޒުތަކެއް ކަނޑައަޅާ، އެކަންކަން ހާސިލު ކުރުމަށް މުހިންމު ފަންޑުތަކެއް ހަމަޖެއްސުމުގެ ހައްސާސީ މަސައްކަތް، ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދަން ތާވަލު ކޮށްފައި ވާ ބައްދަލުވުމެކެވެ.

މިހާރު ތިބެން ޖެހިފައިވަނީ ފުން މިން ނޭނގޭ އަނދަވަޅެއްގެ ތުންފަތް މަތީގައި ކަމަށާ، މިފަދަ ފައްތަރެއްގައި ތިބޭ އިރު، ދެން އަޅާނެ ފިޔަވަޅަކާ މެދު ވަރަށް ފަރުވާތެރި ވާން ޖެހޭ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. ރޮއިޓާޒްއާ ވާހަކަދައްކަވަމުން ގުޓެރޭޒް ވިދާޅުވީ، ދެން އަޅަން އޮތް ފިޔަވަޅަކީ ކޮޕް26 ކަމަށެވެ.

ގުޓެރޭޒް ގެންދަވަނީ، މިހާރު ކުރިއަށް އދގެ 76 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި، ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ލީޑަރުންނާއެކު ހާއްސަ ބައްދަލުވުމެއް ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ހޯމަ ދުވަހަށް ތާވަލު ކޮށްފައި ވާ މި ބައްދަލުވުމަކީ، ކޮޕް26 ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށް ހަބަރު ލިބެއެވެ.

ހައިބްރިޑް އުސޫލުން ކުރިއަށް ގެންދާ މި ބައްދަލުވުމަކީ "ބަންދު" ބައްދަލުވުމެއް ކަމަށާ، އެކަން އެގޮތަށް ހަމަޖައްސާފައި ވަނީ، ވީހާވެސް ފާޅުކަން ބޮޑު ގޮތެއްގައި ހިޔާލު ފާޅު ކޮށް، މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް، މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި، މީޑިއާއާ ވާހަކަދެއްކެވި އދގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.