ހަމަލާތަކެއްގެ ދޭން އުޅޭ ކަމުގެ އިންޒާރު ދެނިވި އީ-މެއިލް އަކާ ގުޅިގެން، އަވަށްޓެރި ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ)ގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

އިންޒާރު ދެނިވި އީ-މެއިލް އައި މަސްދަރު ސާފު ނުވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އަދި އެ އީ-މެއިލްއެއް އައީ، ބީއައިއޭގެ އީ-މެއިލް އެކައުންޓްތަކެއް ހެކް ކުރުމަށް ފަހުގައި ކަމަށްވެސް އޮފިޝަލުން ވަނީ ހާމަ ކުރައްވާފައެވެ.

ބީއައިއޭގެ އޮފިޝަލުން ވިދާޅުވީ، އެއާޕޯޓްގެ އޮޕަރޭޝަންތައް އާންމު އުސޫލުން ކުރިއަށް ދާ ކަމަށާ، ނަމަވެސް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވާ ކަމަށެވެ.

ގޮތް ނޭނގޭ މަސްދަރަކުން، ހަމަލާތަކެއްގެ އިންޒާރު ދެނިވި އީ-މެއިލްއެއް ފޮނުވާފައި މި ވަނީ، ބައިނަލްއަގުވާމީ އެއާލައިންތައް މެދުވެރިކޮށް، ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުތައް އަލުން ފެށުމަށް، ސްރީލަންކާއިން ތައްޔާރު ވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ހަމަލާތަކެއްގެ އިންޒާރު ދެނިވި އީ-މެއިލްއާ ގުޅިގެން ތަހުގީގުތައް ފަށާފައި ވާ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިކަމާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އަދި ނުލިބެއެވެ.

2019 ވަނަ އަހަރުގެ ކުރީކޮޅު ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު، އެ ގައުމަށް އެކި ފަންތީގައި ކުރިމަތިވި ހީނަރުކަމުން އަރައި ނުގަނެވި އުޅެނިކޮށް ބިންދާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބިޔަ ރާޅާއެކު، އެ ގައުމަށް އަދިވެސް ފުރިހަމަ ހަމަޖެހުމެއް ލިބިފައެއް ނުވެއެވެ.