ދެ ދަރިން ޖާމިނުކޮށް ކަފާލާތުގެ ދަށުން ގޭބަންދަށް ދޫކޮށްދިނުމަށް ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި ދައުވާ ކޮށްފައިވާ ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އެދިއްޖެއެވެ.
އައްމަޓީގެ ބަންދު މުރާޒާ ކުރުމަށް މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ އައްމަޓީގެ ބަންދަށް ލުޔެއް ދެވެންނެތްކަމަށް ނިންމާ ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުކުރުމަށް ހައިކޯޓުން އިއްވި އަމުރު ދަމަހައްޓާފައެވެ.
ގާޒީގެ އެފަދައިން ނިންމުމާއެކު އަންމަޓީ ވަނީ އޭނާގެ ދެ ދަރިން ޖާމިނުކޮށް ކަފާލާތުގެ ދަށުން ގޭބަންދަށް ދޫކޮށްދިނުމަށް އެދިފައިވާނެ ކަމަށް ބުނެފައެވެ. އަދި ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ކޮންމެ ދުވަހަކު ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތުކޮށް ނަމަވެސް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައެވެ.
އެކަމާ ގުޅިގެން މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވިދާޅުވީ އަންމަޓީ ދޫކޮށްލައިފިނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލި، ކުށް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށާއ މި ހާލަތުގައި އަންމަޓީ ބަންދުން ދޫނުކުރެވޭނެ ކަމަށެވެ.
އެހެން ނަމަވެސް، 30 ދުވަސް ފަހުން އަނެއްކާވެސް ބަންދު ރިވިއު ކުރާއިރު ހާލަތު ބަދަލުވެފައިވާނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ގާޒީ ވިދާޅުވިއެވެ. އަދި ދެން އަޑުއެހުމެއްގައި ކަފާލާތުގެ ދަށުން ދެ ދަރިން ޖާމިނުކޮށް ގޭ ބަންދަށް ދޫކުރުމަށް އެދެވޭނެކަން ގާޒީ ވިދާޅުވިއެވެ.
އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައި ވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައި ވެއެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލާފައެވެ.
އެ މައްސަލައިގައި އަންމަޓީ ބަންދުކޮށްފައި ހުއްޓާ ޖޫން 17 ގައި ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލިއެވެ. ނަމަވެސް، ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ.
އަންމަޓީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ތަހުގީގީ އިދާރާތަަކަށް ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެފަ އެވެ. އޭނާ ހޯދަން 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ލަންކާގެ ފުލުހުން އޭނާ މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމުން ޖެހިގެން އައި މާޗް މަހު ދިވެހި ފުލުހުން ވަނީ އެ ގައުމަށް ގޮސް އަންމަޓީ ރާއްޖެ ގެނެސްފައެވެ.
އެހެން ނަމަވެސް އަންމަޓީ ކޯޓުގައި ބުނީ އޭނާ އުޅުނީ ފިލައިގެން ނޫން ކަމަށެވެ. ލަންކާގައި އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން އުޅޭތީ ކަމަށް އޭނާ ބުނެއެވެ.