މިމަހު 10 ވަނަ ދުވަހު "އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަތް މައްސަލާގައި ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
މުޒާހަރާގައި އަމަލުކުރެއްވި ގޮތާ ގުޅިގެން ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު އެދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމަލުކުރެއްވީ ގައިދީން ގޭބަންދަށް ބަދަލުކުރާއިރު ވެވޭ އިގްރާރާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ އޭރު ވިދާޅުވިއެވެ.
އެގޮތުން އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ލިޔުމުން އިއްޔެ ޔާމީނަށް ނަސޭހަތް ދީފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
މިމަހު 10 ވަނަ ދުވަހުގެ ހަވީރު ޕީޕީއެމްގެ މެންބަރުން "އިންސާފު ހޯދަން" މަގުމައްޗައް ނުކުތީ 4 ޖެހިއިރުއެވެ. ޕީޕީއެމްގެ އޮފީސް ދޮރުމަތިން ފެށި ހިނގާލުން އުތުރަށް ގޮސް، ކުރީގެ ވަގުތީ ފޮރިން މިނިސްޓްރީ އާއި ހުޅުމާލެ ފެރީޓަމިނަލާ ހަމައަށް ދިޔައެވެ. އެހިސާބުން ފުލުހުން ހުރަސް އެޅުމުން، ކާނިވާ ސްޓޭޖު ސަރަހައްދަށް ވަދެ ތިބުމަށް ފަހު މަގުމައްޗަށް ނުކުމެ ދެން ގޮސް ތިބީ ރައީސް ޔާމީނުގެ ގެކޮޅު ކައިރީގައެވެ.
މުޒާހަރާގެ ބައިވެރިން ޔާމީނުގެ ގެކޮޅު ކައިރިއަށް އެއްވުމުން، ރައީސް ޔަމީން ވަނީ ގެކޮޅުގެ ކުޑަދޮރުން އިސްތަށިފުޅު ދިއްކުރައްވާ މުޒާހަރާގެ ބައިވެރިންނާ ބައިވެރިވެވަޑައިގެންފައެވެ.
އެމަނިކުފާނު ޕީޕީއެމްގެ ދިދައާއާއި ގައުމީ ދިދަ ވިހުރުވަމުން ގެންދެވި އިރު ސަޕޯޓަރުން ދިޔައީ އެމަނިކުފާނަށް ހަނާ އަޅާ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވަމުންނެވެ.