ބޭންކް އޮފް މޯލްޑިވްސް އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސާ އެގްރީމަންޓްގެ އާ ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ހަފްލާގައި އެ އެގްރީމަންޓުގައި ސޮއި ކުރެއްވީ ބީއެމްއެލްގެ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އަދި އެފްއޭއެމް ގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށެވެ.

އެ އެގްރީމަންޓުގެ ދަށުން ބީއެމްއެލް ވެގެންދާނީ ކުރިއެކޭ ވެސް އެއްފަދައިން ގައުމީ ސީނިއާ ފިރިހެން ޓީމާ، ސީނިއާ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ޓިމް ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަ އެ ދަނޑިވަޅުގައި އެ ޕާޓްނާޝިޕް އާ ކުރެވިގެންދާކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް މި ހުނަރު ފުޅާކުރަން އެހީތެރިވުމަކީ ނުހަނު ބޮޑު އިސްކަމެއް ދޭކަމެއް ކަމަށް ވެސް ޓިމް ވަނީ ވިދާޅުވެފައެވެ. ޓިމް ވިދާޅުވީ ކުރިއަށްއޮތް ސާފް ޗެންޕިއަންޝިޕް މުބާރާތުގައި ދިވެހި ގައުމީ ޓީމަށް ކާމިޔާބު ލިބުން އެދޭ ކަމަށެވެ.

ބީއެމްއެލް އާއެކު މި އެއްބަސްވުން އައު ކުރެވިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް އަދި އުފަލެއްވެސްމެ. އަަޅުގަނޑުމެންގެ ކުޅުންތެރިންނަކީ އަޅުގަނޑުމެންގެ ފަހުރު. އަދި ހޯދަމުންދާ ނަތީޖާއަކީ ކުޅިވަރު ދަނޑުގެ އިތުރުން ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތާއި އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާ. މި ފުރުސަތުގައި ޤައުމީ ޓީމަށާއި ރާއްޖޭގައި ކުޅިވަރާއި ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމަށް ބީއެމްއެލް އިން ވެދެއްވާ އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން.
އެފްއޭއެމްގެ ރައީސް ބައްސާމް

2017 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަކީ ބީއެމްއެލްއެވެ. އަދި ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕް 2021 ގެ އޮފިޝަލް ބޭންކިން ޕާޓްނަަރަކީ ވެސް ބީއެމްއެލްްއެވެ.